ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅުގެ ދެ ގުރޫޕުން، އެ އަތޮޅުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް، ކިނބިދޫއާއި ތިމަރަފުށިން ހޯދައިފިއެވެ.
މުބާރާތުގައި ތ. އަތޮޅުން ޖުމްލަ އަށް ޓީމު ވާދަކޮށްފައިވާއިރު، އެ އަށް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. ކިނބިދޫއިން އަތޮޅު ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ބާކީ އެއް މެޗު އޮއްވައެވެ. ދެން އޮތް ތިން ޓީމަށްވެސް ބާކީ އެއް މެޗު އޮތްއިރު އެއިން އެއްވެސް ޓީމަކަށް ދެން ކިނބިދޫއާ ޕޮއިންޓުގެ ގޮތުން އެއް ހަމައެއް ނުކުރެވޭނެއެވެ. ގުރޫޕުގެ ދެވަނައިގައި އޮތް ވިލުފުށްޓަށް ދެ މެޗުން ދެ ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް ގާދިއްފުއްޓާއި ހަތަރުވަނައިގައި އޮތް ބުރުންޏަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
މުބާރާތުގައި މިރޭ ކިނބިދޫއިން ވަނީ ބުރުނީގެ މައްޗަށް 2-6 އިން ކުރިހޯދާފައެވެ. މެޗުގައި އާދަމް ފަރުހާންއާއި މުޙައްމަދު ޝާފިއު ވަނ ީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އަދި އެ ޓީމުގެ އަނެއް ދެ ލަނޑަކީ ބުރުނީގެ މުޙައްމަދު ޝާމްއާއި މުޙައްމަދު ނާހިލް ނޫހް އަތުން ބައިކޮޅަށް ވަން ލަނޑުތަކެކެވެ. ބުރުނީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނާހިލްއާއި ހުސެއިން މަމްދޫހް އަހްމަދެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިނބިދޫގެ ފަރުހާންއެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ގާދިއްފުއްޓާއި ވިލުފުށި ބައްދަލުކުރި މެޗެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ވިލުފުށީގެ ލަނޑު ޖަހައިދިނީ މޫސާ ފަތުހީއެވެ. ގާދިއްފުށީގެ ލަނޑު ޖަހައިދިނީ ހުސެއިން ޒާހިރުއެވެ. މޮޅުކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީގެ ފަތުހީއެވެ.
ތ. އަތޮޅުގެ ދެވަނަ ގުރޫޕުން ތިމަރަފުށި ސެމީގެ ޖާގައެއް ހޯދީ ދެވަނަ މެޗުގައި ހިރިލަންދޫގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖަހައިދިނީ އާދަމް ނާސިހް (އާދަންނަ) އާއި، އެންމެފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޙްމަދު އަފްލާޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އަފްލާޒެވެ.
މި ގުރޫޕުގައި ދެން ހިމެނޭ އޮމަދޫއާއި ވަންދޫގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގައި ވަންދޫގެ ލަނޑު އަޙްމަދު ޝަބީން ކާމިޔާބުކޮށްދިންއިރު، އޮމަދޫގެ ލަނޑު ޖަހައިދިނީ މުޙައްމަދު އުނެއިޝްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވަންދޫގެ ޝަބީންއެވެ.
މި ނަތީޖާތަކާއެކު މި ގުރޫޕު އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެއްވަނައިގައި ތިމަރަފުށި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮމަދޫ އޮތީ ދެ ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ހިރިލަންދޫ އަދި ހަތަރުވަނައިގައި ވަންދޫ އޮތީ ޕޮއިންޓެއް ހޯދައިގެންނެވެ.
މުބާރާތުގައި ތ. އަތޮޅު ސެމީގެ ފަހު ޖާގަތައް ހޯދާ ޓީމުތައް ކަށަވަރުވެގެންދާނީ މި ގުރޫޕުތަކުގެ ފަހު މެޗުތަކަށްފަހުއެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.