ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ އަތުން ހޯދި މޮޅާއެކު ބުރު ސްޕޯޓްސް ކުލަބުން ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ. ވެލެންސިއާގެ މައްޗަށް ބުރުން ކުރި ހޯދީ 4-1 ލަނޑުންނެވެ.
މި ނަތީޖާ އެކު ބުރުން ލީގު ތާވަލުގެ ތިންވަނަ އަށް ކުރިއަށް ޖެހިލީ ލީގުގައި ކުޅުނު 13 މެޗުން ހޯދި 26 ޕޮއިންޓާއެކުވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް ވަނީ މެޗުގެ ފުރަތަމަ ކޮޅުގައި ގޯލަށް ނުރައްކާ ކޮއްފައެވެ.
މެޗުގެ ފުރަތަމަ ހަމަލާ ބުރުގެ އައިވަރީ ކޯސްޓް މިޑްފީލްޑަރ ޑައިވަންޑޫ ޑިއާނޭ އޭރިއާ ތެރެއިން ފޮނުވާލުމުން ދިއައީ ދަނޑިމަތިން ބޭރަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި އަހުމަދު އަބްދުﷲ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ ވެލެންސިއާ އިންނެވެ. އީތަން އިބްރާހިމް ޒަކީ ފޮނުވާލި ހިލޭ ޖަހުމަކުން މި ލަނޑު ވެލެންސިޔާ އަށް 27 ވަނަ މިނިޓުގެ ތެރޭގައި ކާމިޔާބުކޮއްދިނީ ވެލެންސިއާގެ ޑިފެންޑަރ ހަސަން ނަވާޒެވެ.
ބުރުން ނަތީޖާ ހަމަހަމަކުރީ ލިބުނު ކޯނަރެއްގައި ވެލެންސިއާގެ ގޯލަށް ފޮނުވާލި ބޯޅައެއް ވަންނަން ދަނިކޮށް ވެލެންސިއާގެ އުރުގުއާއީގެ މިޑްފީލްޑަރ އަމަޓިއަސް މާޓިނޭޒް އޭރިއާ ތެރެއިން އަތުން ބޯޅައިގެ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ.
ބުރަށް މި ލަނޑު ކާމިޔާބުކޮއްދިނީ 30 ވަނަ މިނިޓުގައި މުހައްމަދު ނާއިމްއެވެ. މެޗުގެ 38 ވަނަ މިނެޓުގައި އިބްރާހިމް އުސާމާ ހަސަން އޭރިއާ ބޭރުން އަރިމަތިން ނަގައިދިން ބޯޅަ ވެލެންސިޔާގެ ގޯލު ބަލަހައްޓަން ހުރި ކީޕަރު އަހުމަދު ލިފާޒް ލަތީފް އަތުގައި ޖެހިފަ ވެއްޓުނީ ގޯލުގެ ތެރެއަށެވެ. އުސާމާގެ މި ލަނޑަށްފަހު ވެސް ބުރަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.
ބުރުން ޖެހި ތިންވަނަ ލަނޑަކީ 62 ވަނަ މިނިޓުގައި ޑިއާނޭ އޭރިއާ ތެރެއިން ކާމިޔާބު ކުރި ލަނޑެކެވެ. ބުރުން ޖެހި ހަތަރުވަނަ ލަނޑަކީ ބަދަލަކަށް ކުޅެންއެރި އަބްދުﷲ ޔާމީން ކާމިޔާބު ކުރި ހިތްގައިމު ލަނޑެކެވެ. ޔާމީން މި ލަނޑު ކާމިޔާބުކުރީ ހާފުގެ މެދެއްހާ ހިސާބުގައި ހުރެ ގޯލަށް ފޮނުވާލި ބާރު ހަމަލައަކުންނެވެ.
މިއީ މި ލީގުގައި ވެލެންސިޔާ ބަލިވި 10 ވަނަ މެޗެވެ.