ތަޢުލީމު

ތާޖުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝަމާއިލް


2015ވަނަ އަހަރު ތާޖުންދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝަމާޢީލް ހުސައިން ހޮވިއްޖެއެވެ. ރޭ ބޭއްވި ތާޖުއްދީން ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އައިޝަތު ޝަމާޢީލް ހުސައިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.

ތާޖުންދީން ސްކޫލްގެ 2015 އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ފާއިތުވި އަހަރު އެ ސްކޫލުން އެކިގޮތްގޮތުން ފާހަގަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުންދީފައެވެ. މިގޮތުން ކްލާސްތަކުން ވަނަވަނަ ހޯދި ދަރިވަރުންނަށާއި މުޅި ސްކޫލުން ފާހަގަ ކުރެވުނު ދަރިވަރުންނަށާއި، ޤައުމީ ގަދަ ދިހައެއްގައި ހިމެނު ދަރިވަރުންގެ އިތުރުން ޔުނީފޯމް ހަރަކާތްތަކުން ފާހަގަ ކުރެވޭ އެކިއެކި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ. މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޑރ. އަބްދުﷲ ނަޞީރު ވިދާޅުވީ، ކުދިން ސްކޫލް ނިމުމަށްފަހު ވަކިކަހަލަ ވަޒީފާއެއް ހޯދަން ބެލެނިވެރިން ބާރު އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، އެކުދިން ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅުމުގެ އިހްތިޔާރު އެކުދިންނަށްދީ ބެލެނިވެރިން އެކަމަށް އެއްބާރުލުން ދޭން ޖެހޭނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14733222255280.jpg|ތާޖުއްދީން ސްކޫލްގެ 2015 ވަނަ އަހަރުގެ އިނާމްދިނުމުގެ ޖަލްސާގެ ތެރެއިން

"ސްކޫލް ނިމުމުން ކުދިންނަށް ދުވަސްކޮޅަކަށް ނަމަވެސް ޗުއްޓީއެއް ދެއްވުމަށްފަހު އެކުދިން އެކިއެކި ދާއިރާއަށް އަމަލީގޮތުން މަސައްކަތްކުރުމަށް، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކާ އަމަލީ ތަޖުރިބާ ހޯދަން ފޮނުވުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ކޮންމެހެން ވަކިކަމަކަށް ބާރުއަޅާ ވަކިކަމެއް ކުރަން ނުވަތަ ވަކި އެއްޗެއް ހަދަން ވަކިގޮތަކަށް ބާރުއެޅުމަކީ އަޅުގަނޑު ދެކޭގޮތުގައި ބުއްދިވެރި ކަމެއް ނޫން. ކޮށްދެއްވަންޖެހޭކަމަކީ ކުދިންނަށް ވަޒީފާ އަދާކުރުމުގައި ކުރިއަށްދާނެ ރޮނގެއް އަމިއްލައަށް އިޙްތިޔާރު ކުރުމަށް ހިއްވަރުދީ އެކަމަށް އެހީތެރިކަން ފޯރުކޮށްދެއްވުން،" ޑރ. އަބްދުﷲ ނަޞީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާއަށް ބަލާއިރު ތާޖުއްދީން ސްކޫލްގައި ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތަކީ ހަތްދިހަ ހައެއް ޕޮއިންޓް ތިނެއް އިންސައްތައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދިހައެއް ޕޮއިންޓް ހައެއް އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން ދަސްވާރު ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެސްކޫލްގެ ނުވަދިހަ ޕޮއިންޓް ނުވައެއް އިންސައްތަ ކުދިން ވަނީ ގުރެޖުއޭޓްވެފައެވެ،