އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް، ހަ މަސް ދުވަސް ވަންދެން ކާރު ނުދުއްވޭގޮތަށް "ބޭންކުރަން" އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އޭނާއަށް މި ހުކުމް އައިސްފައިވަނީ، މިދިޔަ އަހަރުގެ ކުރީކޮޅު، އެއް ހަފްތާ ތެރޭ ދެ ފަހަރަކަށް، ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް ކާރު ދުއްވުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ކްރޯލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖުން ފެންނަނީ، ރައިސް، އޭނާގެ 40،000 ޕައުންޑުގެ އަގުހުރި ޖަގުއާ ލޭންޑް ރޯވަރ ގައި އެއް މަގެއްގައި ދެ ފަހަރަކަށް ސްޕީޑް ލިމިޓަށްވުރެ ބާރަށް ކާރު ދުއްވާ މަންޒަރެވެ. ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު ޑެކްލަން ރައިސް ވަނީ، 30 ގެ ސްޕީޑް ލިމިޓު ހުރި ޒޯނެއްގައި 37 ގައި ދުއްވާފައެވެ. އަދި އެފަހުން ޖެނުއަރީ 8 ވަނަ ދުވަހު އޭނާ ވަނީ 40 ގެ ޒޯނެއްގައި 49 ގައި ކާރު ދުއްވާފައެވެ.
މި ކަންކަމާ ގުޅިގެން ކޯޓުން އޭނާއަށް ހުކުމްކޮށްފައިވަނީ އޭނާގެ ޤައިރު ހާޒިރުގައެވެ. ހަ މަސް ދުވަހަށް ކާރު ދުއްވުން މަނާކުރުމުގެ އިތުރުން އޭނާ 2،185 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް ހުކުމްކޮށްފައިވެއެވެ.
މީގެއިތުރުން އޭނާގެ ލައިސަންސް އިން ޕޮއިންޓު ވެސް އުނިކޮށްފައިވެއެވެ.
އުމުރުން 26 އަހަރުގެ ޑެކްލަން ރައިސް އަކީ އާސެނަލްގެ ސްކޮޑުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއަކަށްވާއިރު، ދަނޑުން ބޭރުގައި ހިނގާ މިފަދަ ކަންކަމުގެ ސަބަބުން އޭނާ ދަނޑުމަތީގައި ކުޅޭ ކުޅުމަށް އަސަރުނުކުރާނެކަމަށް އާސެނަލްގެ ސަޕޯޓަރުންނާއި ޓީމުގެ މެނޭޖްމަންޓުން އުއްމީދުކުރާނެއެވެ.
ސަބަބަކީ އާސެނަލް އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި ދެމިއޮތުމަށް، ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެއްބާރުލުމާއި، ދަނޑުމަތީގައި އެންމެ ފުރިހަމަ ކުޅުން ދައްކަން ޖެހޭނެތީއެވެ.
އާސެނަލްއިން އެންމެފަހުން ޕްރިމިއަރ ލީގުގެ ޓްރޮފީ އުފުލާލާފައި ވަނީ 2003-2004 ވަނަ ސީޒަނުގައެވެ.