މެންޗަސްޓަރ ޔުނައިޓެޑްގެ ކެޕްޓަން، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް އެ ކުލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ކުރިއަށް އޮތް ވޯލްޑް ކަޕަށްފަހު ބްރޫނޯ ޔުނައިޓެޑު ދޫކޮށްލާނެއެވެ. އަދި އޭނާ އެ ކުލަބު ދޫކޮށް ދާން އުޅޭކަމަށް، އޭނާއާއެކު އެ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިން މިހާރު ގަބޫލުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ވަނީ، ކުލަބުގެ ވެރިން އޭނާ ދޫކޮށްލަން އުޅޭކަން އެނގުމުން އެކަމާ ވަރަށް ދެރަވެ ހިތާމަކުރިކަމަށް ބުނެފައެވެ. މިރިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސައުދީގެ އަލް ހިލާލުން ބްރޫނޯ ހޯދުމަށް ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ޔުނައިޓެޑުގެ ވެރިން އޭރު ބޭނުންވީ އެ ހުށަހެޅުން ގަބޫލުކުރާށެވެ.
އެހެންނަމަވެސް ޓީމުގެ ކޯޗުކަމާ ރުބެން އަމޯރިމް ހަވާލުވުމަށްފަހު، އޭނާ ވަނީ ބްރޫނޯ އެ ކުލަބުގައި މަޑުކުރަން ނަސޭހަތްދީ، ކޮންވިސްކޮށްދީފައެވެ.
އެހެންނަމަވެސް މިހާރު އެ ކުލަބުން އަމޯރިމް ދޫކޮށްލާފައިވާއިރު، މިއާއެކު ބްރޫނޯ ވެސް ކުލަބު ދޫކޮށް ދާނެކަމަށް ބެލެވޭކަމަށް ޔުނައިޓެޑުގެ ކުޅުންތެރިންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
"އެކަކު ވެސް ބްރޫނޯ ކުށްވެރިއެއް ނުކުރާނެ. ވެރިން ކަންކުރި ގޮތަށް އޭނާ ވަރަށް ކެތްކޮށްފި. އެ ހުރިހާ ކަމަކާއެކު ވެސް އޭނާ މަޑުކުރި. މިހާރު ދެން އެކަމަކު ފުދޭވަރު ވެއްޖެ". ޔުނައިޓެޑުގެ ނަން މަޝްހޫރު ކުޅުންތެރިއަކާ ހަވާލާދީ ބޭރުގެ މީޑިއާއެއްގައި ރިޕޯޓުކޮށްފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބްރޫނޯ ސައުދީގެ ކުލަބަކާ ގުޅުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ބްރޫނޯ ބޭނުންވަނީ އަދިވެސް ޔޫރަޕުގެ މަތީ ފަންތީގައި ކުޅެންކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
2020 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިން އިން މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ފެނާންޑޭޒް ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 309 މެޗުން 103 ލަނޑު ކާމިޔާބުކޮށްދީ 94 އެސިސްޓް ކޮށްދީފައެވެ. ޔުނައިޓެޑާއެކު އޭނާ ވަނީ އެފްއޭ ކަޕް އެއްފަހަރު، އީއެފްއެލް ކަޕް އެއްފަހަރު އަދި ޔޫއެފާ ޔޫރަޕާ ލީގުގެ ރަނަރަޕް ކަން ދެ ފަހަރު ހޯދާފައެވެ.
މެންޗަސްޓަރ ޔުނައިޓެޑާއެކު ބްރޫނޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުއެވެ.