އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ރެފްރީން މުބާރާތް ބާއްވާ ގައުމު މޮރޮކޯ ކޮޅަށް ޖެހިފައި ތިބޭ ކަމުގެ ޝަކުވާތައް އިތުރުވެއްޖެ އެވެ.
އެންމެ ފަހުން މި ޝަކުވާ ކުރީ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ކެމަރޫން ޓީމުންނެވެ. އޭގެ ކުރިން މާލީ އާއި ޓެންޒޭނިޔާ އިންނެވެ.
ދެލަނޑުން މޮރޮކޯ މޮޅުވި މެޗުގައި ކެމަރޫންގެ ކުޅުންތެރިން ވަނީ އެ މީހުންނަށް ލިބެންޖެހޭ ދެ ޕެނަލްޓީ ރެފްރީ ދީފައިނުވާ ކަމަށް ބުނެ ވަރަށް ބޮޑަށް ތުހުމަތުކޮށްފަ އެވެ. ކެމަރޫން ކުޅުންތެރިން އެންމެ ފުރަތަމަ މައްސަލަ ޖެއްސީ މޮރޮކޯގެ ޑިފެންޑަރު އާދަމް މަސީނާ ކެމަރޫނުގެ ފޯވަޑް ބްރަޔަން އެމްބުއެމޯ ބޯޅަ ނެތީސް ކަނާތު ފައިން ކުރި ފައުލަށް ރެފްރީން ޕެނަލްޓީ ނުދިނުމުންނެވެ. އޭގެ ފަހުން މެޗު ނިމިނިމި އޮއްވައި އެޓާ އެޔޮންގަށް ޕެނަލްޓީ އޭރިޔާ ތެރެއިން އުޅަބޮށިން ފައުލް ކުރި ހާދިސާ އަށެވެ.
ނަމަވެސް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ މި ތުހުމަތުތަކާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށް، އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
"ހުރިހާ ޓީމަކުން ބަލިކުރަން ބޭނުންވާ ޓީމަކީ އަހަރުމެން. އެންމެން ވެސް ބަހަނާ އަކަށް ދައްކަނީ މޮރޮކޯ އަށް އެޑްވާންޓޭޖް ލިބޭ ވާހަކަ. އަހަރުމެންނަށް ލިބޭ ހަމައެކަނި އެޑްވާންޓޭޖަކީ މި މުބާރާތް 65000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭކަން. ބާކީ ހުރިހާ ކަމެއް މި ކުރަނީ ދަނޑުމަތީގައި،" ކޯޗު ބުންޏެވެ.
ކެމަރޫނާއި މޮރޮކޯ މެޗުގެ ރެފްރީކަން ކުރީ އެންމެ ފަހުގެ އެފްރިކާ ކަޕުގެ ފައިނަލް މެޗުގައި ރެފްރީކަން ކުރި ދަހާނޭ ބެއިޑާ އެވެ. އޭނާއާ މެދު ކެމަރޫނުން ތުހުމަތު ކުރާ ދެ ވަނަ ކަމަކީ މޮރޮކޯގެ ބައެއް ކުޅުންތެރިން ކުރި ކުށްތަކަށް ރީނދޫ ކާޑު ދައްކާފައިނުވާތީ އެވެ.
"އެންމެން ވެސް އުޅެނީ އެހެން މީހުންނަށް ވިސްނައިދޭން އަހަރުމެންނަށް ރެފްރީންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށް. އެކަމަކު އަހަރެންނަށް ފެނޭ އަހަރުމެންނަށް ވެސް ދެވިދާނެ ޕެނަލްޓީ ތައް ނުދީ ދޫކޮށްލާތަން. އަހަރެން މި ދައްކަނީ މިފަހަރުގެ މުބާރާޓުގެ ރެފްރީންގެ ވާހަކައެއް ނޫން. އަހަރުމެންނަށް އެންމެ ފަހުން ބޭއްވި މުބާރާތުގައި ސައުތު އެފްރިކާ މެޗުގައި ވެސް ޕެނަލްޓީ އެއް ލިބެންޖެހޭ. އެކަމަކު ނުލިބުނު. ސަބަބެއް ވެސް ނޭނގެ،" ކޯޗު ބުންޏެވެ.
އައިވަރީ ކޯސްޓްގައި މީގެ ދެ އަހަރު ކުރިން ބޭއްވި މުބާރާތުގައި މޮރޮކޯގެ ކޯޗު ވަނީ ދެ މެޗަކަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެއީ ކޮންގޯ މެޗަށް ފަހު އެ ޓީމުގެ ކެޕްޓަނާއި ބައެއް އޮފިޝަލަކާ ކުރިމަތިލައި ކުޅިވަރުގެ ރޫހާ ހިލާފުވުމުންނެވެ. އޭނާ ބުނީ މޮރޮކޯގައި މިހާރު ކުރިއަށްދާ މުބާރާތުގައި އެހެން ޓީމުތަކަށްވުރެ މޮރޮކޯ މޮޅުކަން ތަފާސް ހިސާބުތަކުން ފެންނާނެ ކަމަށެވެ.
"އަހަރުމެން އެހެން ޓީމުތަކަށްވުރެ ގިނައިން ހަމަލާ އުފައްދަން. ކެމަރޫން ވެސް ނުވަތަ އެހެން ޓީމަކުން ވެސް ޖެހި އެންމެ ގޯލެއް ވެސް ކެންސަލް ކޮށްފައިނުވޭ. އެކަމަކު އަހަރުމެން ޖެހި ގޯލުތައް ކެންސަލް ކޮށްފައި އެބަހުރި. އެހެންވީމާ އެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން،" ކޯޗު ބުންޏެވެ.
މޮރޮކޯ އަށް ރެފްރީން އެހީތެރިވެދޭ ކަމަށް މާލީ އާއި ޓެންޒޭނިއާ ވެސް ތުހުމަތު ކުރަނީ ޕެނަލްޓީ ތަކުގެ މައްސަލާގަ އެވެ. މާލީ އާއި މޮރޮކޯ މެޗުގައި މޮރޮކޯ އަށް ޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހު އެވެ. މި ހާދިސާގައި ރެފްރީގެ ނިންމުން ބަދަލު ކުރީ ދަނޑުގައި ތިބި ސަޕޯޓަރުން އަޑުގަދަކޮށް ރެފްރީ އަށް ނުފޫޒު ފޯރުވައިގެން ކަމަށް ވެސް މާލީ ޓީމުން ތުހުމަތު ކުރި އެވެ. ކެމަރޫނުން ބުނީ މޮރޮކޯއާ ދެކޮޅަށް އެ މީހުން ވިއޭއާރު ބަލަން އެދުމުން އެކަމަށް ވެސް ރެފްރީން އެއްބާރުލުން ނުދިން ކަމަށެވެ.
އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތަކީ އަބަދުވެސް މިފަދަ މައްސަލަތައް ގިނަ މުބާރާތެކެވެ.