ކުޅިވަރު

އެމްބާޕޭ ލައްވައި ކުޅުވަން ތަދުކަނޑުވާ އިންޖެކްޝަން ޖަހަނީ


ތަދުކަނޑުވާ އިންޖެކްޝަން ޖަހައިގެން ފޯވަޑް ކީލިއަމް އެމްބާޕޭ ލައްވައި ކުޅުވަން ރެއާލް މެޑްރިޑުން މަސައްކަތް ކުރާ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެފި އެވެ.

މި ސީޒަނުގައި ރެއާލް މެޑްރިޑް ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ގޯލު ޖެހި ކުޅުންތެރިޔާ އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައި ވެސް ނުކުޅެ އެވެ. އޭނާގެ ކަކުލަށް ވަނީ ހާނިއްކަވެފަ އެވެ. ނަމަވެސް ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގެ ކުރިން އޭނާ މިހާރު ވަނީ ސައޫދީ އަރަބިއާ އަށް އައިސް ޓީމާ ގުޅިފަ އެވެ. ކޯޗު އަލޮންސޯ ވެސް އެމްބާޕޭ ލައްވައި ކުޅުވަން އުޅޭ ވާހަކަ ދޮގެއް ނުކުރެ އެވެ.

"އަހަރުމެން ފުރަތަމަ ބެލީ (ސެމީ ފައިނަލުގައި) އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް އޭނާ އަށް ކުޅެވޭނެތޯ. އެކަމަކު އަވަސް އަރުވާ ނުލައި އޭނާ އަށް އަރާމު ކުރަން ފުރުސަތު ދިނީ. މިހާރު އޭނާގެ ކަކުލުގެ ތަދު ވަރަށް ބޮޑަށް ރަނގަޅު. މިހެންވެ އޭނާ ޓީމާ ގުޅުނީ. ދެން މިއަދު އޭނާ ފަރިތަކޮށްފިނަމަ އަހަރުމެން އޭނާ އަށް މެޗުގައި ކުޅެވޭނެތޯ ނިންމާނީ އިތުރަށް ބަލަންވާ ކަންކަން ބެލުމަށްފަހު،" ކޯޗު އަލޮންސޯ ބުންޏެވެ.

ކޯޗު ބުނީ އެމްބާޕޭގެ ކަކުލުގެ ތަދު ހުރިނެތް ބެލުމަށްފަހު އޭނާ ލައްވައި ކުޅުވާނަމަ ނަގަން ޖެހޭނީ ރިސްކެއް ކަމަށެވެ.
އަލޮންސޯ އަދި ބުނީ އެމްބާޕޭ ޓީމުގައި ހުރުމަކީ ފައިނަލް މެޗަކަށް ނުކުންނައިރު ވަރަށް މުހިންމު ކަމެއްކަން އެންމެނަށް ވެސް އެނގޭ ކަމަށެވެ. މިއާއެކު ރެއާލްގެ ކެޕްޓަން ޑެނީ ކަވަހާލް ވެސް ވަނީ ފައިނަލް މެޗުގައި އެމްބާޕޭ ކުޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އެމްބާޕޭ އަކީ މިވަގުތު ސްޕެނިޝް ލީގުގައި ހުރި އެންމެ މޮޅު ފޯވަޑް ކަމަށާއި އެފަދަ ކުޅުންތެރިއަކު ފައިނަލް މެޗުގައި ކުޅެން އެންމެން ވެސް އެދޭނެ ކަމަށެވެ. ނަމަވެސް ވަކި ކުޅުންތެރިއަކު ނެތުމަކުން ނުވަތަ ކުޅެތީވެ އޭނާގެ ޓީމުގެ ޕްލޭން ބަދަލު ނުވާނެ ކަމަށެވެ.