ކުޅިވަރު

ކުޅުންތެރިން ތިބީ އަލޮންސޯއަށްޓަކައި މަރުވާން ވެސް ތައްޔާރަށް: ކަވަހާލް


ރެއާލް މެޑްރިޑުގެ ކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ކޯޗު ޒަބީ އަލޮންސޯ އަށް އެބައޮތް ކަމަށާއި ކުޅުންތެރިން ތިބީ އޭނާ އަށްޓަކައި "މަރުވާން" ވެސް ތައްޔާރަށް ކަމަށް ކެޕްޓަން ޑެނީ ކަވަހާލް ބުނެފި އެވެ.

އޭނާ މިހެން ބުނީ މިރޭ ކުޅޭ ސްޕެނިޝް ސުޕަކަޕްގެ ކުރިން ވާހަކަ ދައްކަމުންނެވެ. ސްޕޭނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މި ފައިނަލް މެޗުގައި ރެއާލް މެޑްރިޑަށް ތަށި ނުހޯދިއްޖެނަމަ އަލޮންސޯގެ މަގާމު ގެއްލުމަކީ ގާތް ކަމެކެވެ.

މިވާހަކަތަކާ ގުޅީގެން ނޫސްވެރިން ސުވާލު ކުރުމުން ކުޅުންތެރިއެއްގެ ގޮތުގައި އަލޮންސޯއާއެކު ރެއާލް އަށް ކުޅުނު ކަވަލާހް ބުނީ ނަތީޖާ ނުހޯދޭނަމަ އަބަދުވެސް ކޯޗަށް ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.

"އެކަމަކު އަހަރުމެން އެންމެން މިތިބީ އޭނާއާއެކު. އަހަރުމެން މިތިބީ އޭނާ އަށްޓަކައި މަރުވާން ވެސް ތައްޔާރަށް. ރެއާލް މެޑްރިޑަށް މި ތައްޓަކީ ވަރަށް މުހިންމު ތައްޓެއް. އަހަރެންގެ އަމިއްލަ ހައިސިއްޔަތުން ވެސް ތަށި މުހިންމު. ސަބަބަކީ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއަކީ (ރެއާލްގެ ކުރީގެ ކެޕްޓަން) ލޫކާ މޮޑްރިޑް. އެހެންވީމާ އަހަރުމެންނަށް މި ތަށި ވަރަށް މުހިންމު،" ކަވަހާލް ބުންޏެވެ.

މިރޭގެ މެޗުގެ ކުރިން ފޯވަޑް ކީލިއަން އެމްބާޕޭ ވެސް ވަނީ ސައޫދީ އަރަބިއާ އަށް އައިސް ޓީމާ ގުޅިފަ އެވެ. ކަވަހާލް ބުނީ މެޗުގައި އެމްބާޕޭ ކުޅޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ. ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އެމްބާޕޭ ނުކުޅުނީ އޭނާގެ ކަކުލަށް ތަދުވެފައިވާތީ އެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން އޭނާ ލައްވައި ކުޅުވޭތޯ ރެއާލްއިން ދަނީ މަސައްކަތް ކުރަމުންނެވެ.