ކުޅިވަރު

ބާސެލޯނާގެ ކިބައިން ބަދަލު ހިފަން ބޭނުން: ކޯޓުއާ


ސްޕެނިޝް ސުޕަކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ނުކުންނާނީ ބަދަލު ހިފަން ކަމަށް ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބެލްޖިއަމުގެ ގައުމީ ކީޕަރު ބުނީ ބާސެލޯނާގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީ ހުސްވި ސީޒަނުގައި މި މުބާރާތުގެ ފައިނަލުގައި ބާސެލޯނާ އަތުން ރެއާލް ބަލިވެފައިވާތީ ކަމަށެވެ.

"އަހަރުމެން އެ މީހުންގެ ކިބައިން ބަދަލު ހިފަން ބޭނުން. އެންމެ ފަހުގެ ފައިނަލުގައި އެ މީހުން މޮޅުވީ އަހަރުމެން އަތުން. އަހަރުމެން މި މެޗުގައި އެ ބަލިވުމުގެ ބަދަލު ހިފަން މަސައްކަތް ކުރާނަން. އެކަމަކު އެ މީހުން ވެސް ބަދަލު ހިފަން މަސައްކަތް ކުރާނެ. އެއީ އެންމެ ފަހުގެ އެލް ކްލެސިކޯގައި އަހަރުމެން އަތުން ބަލިވެފައިވާތީވެ،" ކޯޓުއާ ބުންޏެވެ.

އޭނާ ބުނީ ދެ ޓީމުގެ ފޯމަށް ބަލާއިރު ބާސެލޯނާ އަކީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ރެއާލް މެޑްރިޑުގެ އަމިއްލަ ގޭމް ކުޅުން ކަމަށާއި މެޗުގެ ފުރަތަމަ ގޯލު ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިއީ ފައިނަލެއް. އަމުދުން މި ޓީމުގެ ފައިނަލެއްގައި މޮޅުވާން މާގިނަ ފުރުސަތެއް ނުލިބޭނެ. މިހެންވެ އަހަރެން ދެކޭ ގޮތުގައި ލިބޭ ފުރުސަތުތައް ރަނގަޅަށް ނިންމާލަން ޖެހޭނެ. އަދި މެޗުގެ ފުރަތަމަ ގޯލު އަހަރުމެން ޖެހުމަކީ މި މެޗުން މޮޅުވާން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތަކަށްވާނެ،" ކޯޓުއާ ބުންޏެވެ.

މިރޭގެ ފައިނަލް މެޗު ކުޅޭނީ ސައޫދީ އަރަބިއާގަ އެވެ. ސްޕެނިޝް ސުޕަ ކަޕް ސައޫދީގައި ކުޅެނީ ތިން މެޗުގެ މި މުބާރާތަށް އެ ގައުމުން ގިނަ އަދަދެއްގެ ފައިސާދޭތީ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ވެސް މަދުވެގެން 10 މިލިއަން ޔޫރޯ ލިބޭނެ އެވެ.