ޚަބަރު

ނޭޝަނަލް ޑްރަގް އެޖެންސީން ހިންގަވާ ރިހެބިލިޓޭޝަން ޕްރޮގްރާމް


ނޭޝަނަލް ޑްރަގް އެޖެންސީން ހިންގަވާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢަށް ނިކުންނަ ފަރާތްތަކަށް ވަޒީފާ ފުރުޞަތު ދެއްވުމާއި އޮންދަ ޖޮބް ޓްރެއިނިންގ ދެއްވުމަށް އެންޑީއޭއާއެކު އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. އެގޮތުން އެމްޓީސީސީން މިހާރު ވަނީ ދެ ފަރާތަކަށް އިންޓަރންޝިޕް ޕްރޮގްރާމުން ފުރުޞަތު ދިނުމަށް ނިންމާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންޑީއޭގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރަނގަޅުވުމަށް ދެވޭ ފުރުޞަތުގެ ތެރެއިން ހިންގޭ ކޮމިއުނިޓީ ސަރވިސް ސެންޓަރ ސްޓޭޖާ ހަމައަށް އާދެވިފައިވާ ފަރާތްތަކުގެ ތެރެއިން 2 ފަރާތަކަށް އެމްޓީސީސީގެ އިންޓަރންޝިޕް ޕްރޮގްރާމުން ފުރުޞަތު ހޯދައިދިނުމަށާއި، ކ. ހިންމަފުށީގައި ހިންގާ ރިހެބިލިޓޭޝަން ސެންޓަރުގައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން އޮންދަ ޖޮބް ޓްރެއިނީއަކަށް ކޮންމެ މަހަކުވެސް އެލަވަންސެއް ދިނުމަށްވެސް އެންޑީއޭއާއެކު އެމްޓީސީސީން ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތުއެވެ. އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޙަސަން ޝަހީލެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައަށް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަފްޞީލްކޮށްދެއްވާފައިވެއެވެ. އަދި މި ވަބާއިން ސަލާމަތްވެ މުޖުތަމަޢަށް އަންނަން ބޭނުންވާ ޒުވާނުންނަށް މުޖުތަމަޢުގެ ތެރެއިން ފުރުޞަތު ދެއްވުމަށް އެދި ވަޑައިގެންނެވިއެވެ. އެފަދަ ޒުވާނުންނަށް އިތުބާރާއެކު އަދާކުރާނެ ވަޒީފާއެއް ހޯދައިދީ، ސަރުކާރު ޙިއްސާވާ ކުންފުނިތަކާ އަމިއްލަ ކުންފުނިތަކުން މިފަދަ ޒުވާނުންނަށް ފުރުޞަތު ދެއްވުމަށް ގޮވާލެއްވިއެވެ.

"މިއީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ލިބުނު ފުރުސަތެއް. ކުންފުނިތަކުން ފުރުޞަތުދޭން ޖެހޭ، ޒިންމާދާރުކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ބަޔަކަށް ހެދުން.." ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، އެމްޓީސީސީން މިފދަ ކަމެއްގައި އިސްނެގުމުގެ އެންމެބޮޑު ބޭނުމަކީ، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބައިވެރިވުން ކަމުގައެވެ.

"މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންވެސް ފަރުވާ ފުރިހަމަ ކުރުމަށްފަހު ކުންފުނިތަކުން ވަޒީފާ ލިބޭނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ބައިވެރިވީ. އަމާޒަކީ މިފަދަ މީހުން މުޖުތަމައަށް ނިކުމެ، ޤައުމަށް ފައިދާކުރަނިވި މަސައްކަތްކުރާ ބައެއްގެ ގޮތުގައި ފެނިގެންދިއުން." އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވިއެވެ.

އެންޑީއޭގެ ސީއީއޯ ޙަސަން ޝަހީލް ވިދާޅުވީ، އުންމީދަކީ އެހެން ކުންފުނިތަކުންވެސް މިކަމަށް އިޖާބަދެއްވައި މުޖުތަމަޢަށް އެނބުރި އަންނަ ޒުވާނުންނަށް ފުރުޞަތު ދެއްވުން ކަމުގައެވެ. އެންޑީއޭއިން ގެންދަވަނީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދެއްވާނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގައި ހިންގަވާ ޕްރޮގްރާމްތަކުން މިހާރުވެސް 500 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އަދި ވެއިޓިން ލިސްޓުގައި ފަރުވާ ބޭނުންވާ 480 މީހުން އެބަތިބިކަމަށް އެ އެންޑީއޭއިން ވިދާޅުވެއެވެ. 2015 ވަނަ އަހަރު 750 މީހުން  އެންޑީއޭގެ ފަރުވާ ފުރިހަމަކޮށްފައިވެއެވެ.