ޚަބަރު

ޔޫތު ލީޑާސް ނެޓްވޯކް ދެވަނަ ދައުރަކަށް އިފްތިތާޙްކުރައްވައިފި


ޒިންމާދާރު ރައްޔިތުން ބިނާކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވެދެއްވުމުގެ ގޮތުން އެކުލަވާލައްވާ ޔޫތު ލީޑާސް ނެޓްވޯކް، "ވައި.އެލް.އެން" 2 ވަނަ ދައުރަކަށް އިފްތިތާޙްކުރައްވައިފިއެވެ.

ރާއްޖޭގެ 2 ޔުނިވަރސިޓީއަކާއި ކޮލެޖްތަކުން ހޮވާލެވުނު ދަރިވަރުން ހިމެނޭ މި ނެޓްވޯކަކީ، ދިވެހިރާއްޖޭގެ ދީނީ އަޤީދާއާއި، އެއެއްބައިވަންތަކަމާއި، ސަޤާފަތާއި އާދަކާދަތަކާއި، ވީރާނާވެފައިވާ އިޖުތިމާޢީ ފޭރާން ޢިޔާދަކުރެއްވުމަށް ހޯމް މިނިސްޓްރީން ހިންގަވާ ޙަރަކާތްތަކަށް އެއްބާރުލުން ދީ އެހީތެރިކަން ދިނުމަށް އެކުލަވާލާ ނެޓްވޯކެކެވެ. މިފަހަރުގެ "ވައި.އެލް.އެން" އެކުލެވިގެންވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ތެރެއިން ހޯމް މިނިސްޓްރީން ކަނޑައަޅުއްވާ ޝަރުތުތައް ފުރިހަމަވާ 15 ދަރިވަރުންގެ މައްޗަށެވެ. "ވައި.އެލް.އެން" ގެ 2 ވަނަ ދައުރަށް ޢައްޔަން ކުރެވުނު ދަރިވަރުން، މެންބަރު ކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙަވާލުކުރެއްވުމަށްފަހު ދަރިވަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، "ވައި.އެލް.އެން" ގެ ފުރަތަމަ ދައުރުގެ މެންބަރުންގެ މަސަކަތް ވަރަށް ފުރިހަމަ ކަމަށާއި، ހޯމް މިނިސްޓްރީން ކުރިއަށްގެންދަވާ ޙަރަކާތްތަކުގައި ދަރިވަރުންނަށް ޙަރަކާތްތެރިވެވޭނެ ފުރުޞަތު ލިބުމަކީ، ކޮލެޖް ޔުނިވަރސިޓީތަކުން މިނިސްޓްރީން ކުރައްވާ މަސަކަތްތަކުގެ މުހިންމުކަން އަގުވަޒަންކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. މިފަދަ ފުރުޞަތެއްގެ ތެރެއިން ޒުވާން ކުދިންނަށް އެމީހުންގެ މުސްތަޤްބަލު ބައްޓަންކުރަން އިތުރަށް ފަސޭހަވެގެންދާނެކަން މިނިސްޓަރ އަޒްލީން ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވެވި ޙަފްލާއެއްގައި "ވައި.އެލް.އެން" އަށް އަލަށް އައްޔަން ކުރެވުނު މެންބަރުން ވަނީ ލިބިފައިވާ ދެ އަހަރުގެ ދައުރުގައި ކުރައްވަން އިސްކަންދެއްވާ މަސަކަތްތަކާއި، ހިތްވަރުދޭނެ ކަންތައްތައް ހޯމް މިނިސްޓްރީގެ އިސްބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ. އަދި މިނިސްޓްރީން މިއަހަރު ކުރިއަށް ރާއްވަވާފައިވާ ޙަރަކާތްތަކާގުޅޭ މަޢުލޫމާތުތަކާއި އެކަންކަން ކުރިއަށް ގެންދަވާނެ ގޮތްތަކާ ގުޅޭގޮތުންވެސް އެ މިނިސްޓްރީން ވަނީ "ވައި.އެލް.އެން" ގެ މެންބަރުންނާ މައުލޫމާތު ޙިއްޞާކުރައްވާފައެވެ.