ތިން ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވި އެއް ސަބަބަކީ އެފް.އޭ.އެމުގެ މެނޭޖްމަންޓް ބަދަލުވެ ރައީސްކަމާ އޭނާގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ހަވާލުވުން ކަމަށް ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ ބުނެފި އެވެ. އޭނާ ބުނީ ދިވެހި ގައުމީ ކޯޗުކަން ހުށަހެޅުމުން އެކަން ގަބޫލު ކުރީ ވަރަށް އުފަލުން ކަމަށެވެ.
"އަހަރެން ރާއްޖެ ދިއުމުގައި ސަބަބުތަކެއްވޭ. އަހަރެންނަށް އެތަން އެނގޭ. ދެން މިހާރު ފުޓްބޯޅަ އެސޯސިއޭޝަނުގައި ހުރީ އައު ރައީސެއް. އެއީ އަހަރެން ރާއްޖެ ދާން ނިންމި އެއް ސަބަބު،" ހަންގޭރީގެ ނޫސްވެރިއަކަށް ދިން ހާއްސަ އިންޓަވިއުގައި އުރުބާނީ ބުންޏެވެ.
2009 ވަނަ އަހަރު އުރުބާނީގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕު ފައިނަލް ކުޅުނު ޓީމުގައި އެންމެ ބޮޑަށް ވިދާލީ ޓޮމް އެވެ. އެ މުބާރާތުގެ ރަންބޫޓު ހޯދީ ވެސް އޭނާ އެވެ. އޭގެ ފަހުން 2011 ވަނަ އަހަރު އިންޑިޔާގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމާއެކު އުރުބާނީ ދިޔައިރު ވެސް ޓޮމް އަކީ މުހިންމު ކުޅުންތެރިއެކެވެ.
ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އެންމެ ފުރަތަމަ ރާއްޖެ އައީ 2008ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ. އޭނާ ބުނީ 2009 އާއި 2011ގައި ވެސް އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީމު ވަރަށް ރަނގަޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ހޯދި ކަމަށެވެ. ނަމަވެސް އެންމެ އުފާވީ 23 އަހަރުން ދަށުގެ ޓީމު ގޮސް ސްރީލަންކާގައި އޮތް ރާޖަޕަކްސާ މުބާރާތް ކާމިޔާބު ކުރުމުން ކަމަށެވެ.
"އިންޑިޔާގައި އޮތް މުބާރާތުގައި އަހަރުމެން ރަނގަޅު ނަތީޖާއެއް ހޯދިން. ވަރަށް ރަނގަޅަށް ޓީމު ކުޅުނު. އެކަމަކު އަހަރެން އެންމެ އުފާވީ (2013 ވަނަ އަހަރު) ޒުވާން ޓީމު (23 އަހަރުން ދަށުގެ ޓީމު ސްރީލަންކާގައި އޮތް ރާޖަޕަކްސާ އިންޓަނޭޝަނަލް) މުބާރާތް ކާމިޔާބު ކުރުމުން. އެ މުބާރާތް ކާމިޔާބު ކޮށްގެން ގައުމަށް (އެނބުރި ރާއްޖެ) ދިޔައިރު ހީވަނީ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން ގޮސްތިބިހެން، ފުޓްބޯޅަ އަށް ވަރު ހުންނަ ބައެއް އެއީ. ވަރަށް ސަޕޯޓް އޮވޭ. ފުޓްބޯޅަ އަކީ އެ މީހުންގެ (ރާއްޖޭގެ) އެއްވަނަ،" ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ވަނީ ރާއްޖޭގެ ސިޔާސީ މާހައުލުގެ ހިޔަނި ފުޓްބޯޅަ އަށް އެޅި ދަނޑަށް ކުޅިބަލާ މީހުން ވަނުން މަދުވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ. ކޯޗު އޭނާގެ ހިޔާލުގައި ރާއްޖޭގައި ގައުމީ ޓީމަށް އެރޭ ފެންވަރުގެ 40 ނުވަތަ 50 ކުޅުންތެރިން ތިބޭނެ ކަމަށާއި އޭނާ މަސައްކަތް ކުރާނީ ރަނގަޅު ޓީމެއް ބިނާކުރަން ކަމަށެވެ.
"އަހަރެންނަށް އެނގިފައިވާ ގޮތުގައި ފެބްރުއަރީ މަހު މުހިންމު މެޗުތަކެއް އެބައޮތް. އޭގެ ފަހުން ވެސް މުހިންމު މުބާރާތެއް އެބައޮތް. އަދި ސާފް ޗެމްޕިއަންޝިޕް ވެސް އެބައޮތް. އެހެންވީމާ އަހަރެންގެ މަސައްކަތް ބުރަވާނެ،" ކޯޗު ބުންޏެވެ.
އުރުބާނީ ގައުމީ ކޯޗުކަމަށް ގެނައީ ރާއްޖޭގެ ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭނާއި މުހައްމަދު ޝިޔާޒް (މޯހަން) އަށް ގައުމީ ކޯޗުކަން ދިނުމަށްފަހު މާއެދެވޭ ނަތީޖާތަކެއް ނުހޯދިފައިވަނިކޮށެވެ.