ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ވީޑިއޯ ކޮންޓެންޓާއި ސޯޝަލް މީޑިއާ ޕާޓްނަރަކަށް ޓިކްޓޮކް ހަމަޖައްސައިފި އެވެ.
ނަމަވެސް މި އެއްބަސްވުމުގެ އަގެއް ދުނިޔާގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ޖަމާއަތުން ބުނީ މިއީ ސޯޝަލް މީޑިއާތަކުން ހުށަހެޅި އަގުތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމާއި ފީފާގެ އާކައިވް ބޭނުން ކުރުމުގެ ހުއްދަ އާއި ޖޫން މަހު އެމެރިކާގައި ބާއްވާ މުބާރާތުގެ މެޗުތަކުގެ ވީޑިއޯ ބޭނުން ކޮށްގެން ކޮންޓެންޓް އުފެއްދުމުގެ ފުރުސަތު ވެސް ޓިކެޓޮކަށް ލިބިގެންދާނެ އެވެ. އަދި ފީފާއިން ބުނެފައިވަނީ މުބާރާތުގެ ބްރޯޑްކާސްޓް ރައިޓްސް ހޯދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ޓިކްޓޮކް ބޭނުންކޮށްގެން މެޗުތައް ދުރަށް ދެއްކޭނެ ކަމަށެވެ.
ޓިކްޓޮކަކީ އެމެރިކާގެ މޭޖަ ސޮކާ ލީގާއި އެޕަލް ޓީވީގެ ވެސް ޕާޓްނަރެކެވެ. އެކަމަކު ފީފާއިން މި ފަހަރު އެއްބަސްވުން މި ހެދީ އެމެރިކާގެ މިހާރުގެ ސަރުކާރުން ސަލާމަތީ ސަބަބުތަކަށްޓަކައި ޓިކްޓޮކް މަނާކޮށްފާނެ ކަމުގެ އިޝާރާތެއް ދީފައިވަނިކޮށެވެ.