ޚަބަރު

ޢީދު ބަންދުގައި ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވާންޖެހޭ!


އަޟްޙާ ޢީދު ބަންދާ ދިމާކޮށް ކަނޑުމަގުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުކަންދޭންޖެހެއެވެ. މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާލާއިރު، ދެކުނުގެ އަތޮޅުތަކުގައި ކަނޑު މަޑުވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގައި ކަނޑު އާދައިގެ ވަރަކަށް ގަދަވާނެއެވެ. 8 ވަނަ ދުވަހުން 12 ވަނަ ދުވަހަށް މެދުރާއްޖެ ތެރެއާއި، އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް އެ ފަރާތުން މަޢުލޫމާތުދެއްވައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި، ވައިޖެހޭނެ ކަމަށް ލާފާކުރައްވާއިރު، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވައެވެ. އަދި، މޫސުމާބެހޭ ޤައުމީ އިދާރާގެ ވެބްސައިޓުގައި، މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު، ދުވަހުން ދުވަހަށް ޙިއްޞާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.  

މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުންވެސް ވަނީ އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް ފަށްޓަވާފައެވެ. މި ޕްރޮގްރާމްގެ ދަށުން އެމްއެމްޑީއެފް ކޯސްޓްގާޑުން ބައްލަވާ ކަންތައްތަކުގެ ތެރޭގައި، އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވާކަން ކަށަވަރު ކުރެއްވުން ހިމެނެއެވެ. އަދި، މުވާޞަލާތީ ސާމާނު ބެއްލެވުމާއި، އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެއްލެވުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބައްލަވާ ކަމަށް ކޯސްގާޑުން ވިދާޅުވެއެވެ.

އެހެންކަމުން ޢީދު ބަންދުގައި އުފާކޮށްލާ، މަޖާކޮށްލުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މޫސުމަށް ސަމާލުކަންދީ ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީީ، އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ވަރަށް މުހިއްމު ކަމެކެވެ.