ސިއްހަތު

"ޓީބީ ކޮންޓްރޯލްކުރުމަށް ގޮންޖެހުންތަކެއް އަދިވެސް އެބަހުރި"


ޓިއުބަކިއުލޯސިސް ނުވަތަ ޓީބީ ކޮންޓްރޯލް ކުރުމަށް ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ދަތުރުކުރާ ބިދޭސީންގެ ބައެއް މީހުންނަށް މިބަލި ޖެހިފައި ހުރެ، ފަރުވާ ނުދެވި، އިތުރު މީހުންގެ ގަޔަށް މިބަލި ފެތުރުންކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑޮކްޓަރ ޝީޒާ ޢަލީ ވިދާޅުވެއްޖެއެވެ.

ކޮލޮންބޯގެ ގޯލް ފޭސް ހޮޓެލްގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ކޮމިޓީގެ 69ވަނަ ބައްދަލުވުމުގައި، މި ސަރަޙައްދުގެ ޤައުމުތަކުގައި ޓީބީ ކޮންޓްރޯލްކުރުމާއި ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވި ވަފްދުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޝީޒާ ވިދާޅުވި ގޮތުގައި، ނުވަދިހައިގެ އަހަރުތަކުގައި 300 ޓީބީ ކޭސް ރާއްޖެއިން ފެނިފައިވީނަމަވެސް މި އަދަދު މީގެ ތިންވަރަކަށް އަހަރު ކުރިންވަނީ 40 އަށް ދަށްކުރެވިފައެވެ. ނަމަވެސް ފަހަކަށް އައިސް މަޑުމަޑުން ޓީބީ ކޭސްތައް އިތުރުވަމުންދާކަމަށާއި، އަދި މިހާރު މި އަދަދު މިހާރު 62 އަށް އަރާފައިވާކަމަށް ޝީޒާ ވިދާޅުވިއެވެ. އަދި، މިހާރު ޢާއްމު ގޮތެއްގައި މި ބަލި ފެންނަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ގައިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14732393870927.jpg|ޑަބްލިއުއެޗްއޯގެ ރީޖަނަލް ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ޓީބީ ފެތުރުން ކޮންޓްރޯލްކުރުމަށް އެޅިދާނެ ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރާ ފަރާތްތައް މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ޓީބީ އަދި އެހެނިހެން ބަލިތަކަށް ސްކްރީންކުރުމުގެ ނިޒާމެއް އެކުލަވާލުމަށް ރާއްޖެއިން ހުށަހަޅާ މަޝްވަރާކޮށްފައިވާކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ. އަދި، ޓީބީ ކޮންޓްރޯލްކޮށް، ޓީބީ މަދުކުރުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ ކުރި އެރުން ލިބޭނީ މިހާރު ތަންފީޒުކުރަމުންދާ ސިޔާސަތުތައް އިތުރަށް ހަރުދަނާކޮށްގެންކަމަށް ޑަބްލިއުއެޗްއޯގެ ސަރަހައްދީ ބައްދަލްވުމުގައި ރާއްޖެއިން ފާހަގަކޮށްފައިވާކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ.

ޑރ. ޝީޒާ އިތުރަށް ވިދާޅުވީ ޓީބީ ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތަށް ދާދިފަހުން ޑަބްލިއުއެޗްއޯއިން ހަދިޔާކޮށް އައި.ޖީ.އެމް.އެޗްގައި ޤާއިމްކޮށްފައިވާ ޓީބީ ޓެސްޓް ކުރާ މެޝިންގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެން ގޮސްފައިވާކަމަށެވެ.