ސިއްހަތު

ކެންސަރު ބަލީގެ ފަރުވާ ހަރުދަނާކުރެއްވުމަށް އެހީތެރިކަން ހޯދަނީ


ރާއްޖޭގައި ދެމުންދާ ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް އެއްބަސްވުމެއް އެކުލަވާލެއްވުމާއި ބެހޭ ގޮތުން ދެ ޤައުމުގެ ހެލްތް މިނިސްޓަރުން މަޝްވަރާ ކުރައްވައިފިއެވެ. ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމާއި އިންޑިއާގެ ހެލްތް މިނިސްޓަރ ޖަގަތް ޕްރަކާޝް ނައްޑާގެ މަޝްވަރާތައް ބާއްވަވާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި މިހާރު ކުރިއަށްދާ 69 ވަނަ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ޤައުމުތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިންނެވެ. 

ތާޖް ސަމޫދްރާ ހޮޓަލުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ދެ ޤައުމުގެ ހެލްތް މިނިސްޓަރުން ވަނީ، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާއިމެދު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލައްވާފައިވާކަމަށެވެ. 

img:http://s1.psmnews.mv/images/660x400/14732384963599.jpg|ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް، އިންޑިއާގެ ހެލްތް މިނިސްޓަރ ޖަގަތް ޕްރަކާޝް ނައްޑާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

ބައްދަލުވުމުގައި ވާހަކަދެކެވުނު ކަންތައްތަކުގެ ތެރޭގައި 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއްބަސްވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރައްވާފައިވާ ނެޝަނަލް ކެންސަރ ސެންޓަރުގެ ހިންގުން ހަރުދަނާކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް މި މަޝްވަރާތަކުގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންދާ މެޑިކަލް ޔުނިވަރސިޓީގެ މަސައްކަތުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. އަދި، އިންޑިއާގައި ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމް ހާޞިލްކުރުމުގެ ފުރުޞަތު އިތުރު ދިވެހީންނަށް ހުޅުވާލުމާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާކަމަށްވެސް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.