ކުޅިވަރު

އެންމެ ގަދަ ޓީމަކީ މިޞްރެއް ނޫން، މުބާރާތް ވާދަވެރި: ސަލާހް


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ގަދަ ޓީމަކީ މިސުރު ނޫން ކަމަށާއި އެހެން ނަމަވެސް ތައްޓަށް ވާދަކުރެވިދާނެ ކަމަށް މިސުރުގެ ކެޕްޓަން މުހައްމަދު ސަލާހް ބުނެފި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މިސުރު ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓްއާ އެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

"އަހަރުމެންނަކީ ފެވަރިޓުންނެއް ނޫން. މިސުރުގައި މި ފަހަރު މި އޮތީ ވަރަށް ޒުވާން ޓީމެއް. ޓީމުގައި ތިބި ގިނަ ޒުވާން ކުޅުންތެރިން ކުޅެނީ ވެސް މިސުރުގައި. މިހެންވެ ތަޖުރިބާގެ މައްސަލަ ޓީމަށް ދިމާވޭ. އަހަރެން ކުޅުންތެރިން ގާތުގައި ވެސް ބުނިން މި މުބާރާތް ވާދަވެރިވާނެ ވާހަކަ. އެއްވެސް މެޗެއް ހަތަރެއް ނުވަތަ ފަސް ލަނޑުން މޮޅުނުވެވޭނެ ވާހަކަ. އެއީ ހުރިހާ ޓީމެއް ވެސް ވަރުގަދަ،" ސަލާހް ބުންޏެވެ.

ޕްރެމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ފޯވަޑް ބުނީ ކުއާޓާ ފައިނަލުގައި އައިވަރީ ކޯސްޓާ ވާދަ ކުރަން ޖެހުމަކީ އޭނާގެ ގައުމު ވަރަށް ވިސްނަން ޖެހޭނެ މެޗެއް ކަމަށެވެ.

"އެ މީހުންނަކީ ވަރަށް ތަޖުރިބާ ހުރި ޓީމެއް. މީގެ ސަބަބުން އަހަރުމެން ވަރަށް ވިސްނުންތެރިކަމާއެކު ކުޅެގެން ނޫނީ މޮޅުވުންދުރު. މި މުބާރާތް ބެލި ބަޔަކަށް ވިއްޔާ ފެންނާނެ އެ މީހުން ވަރުގަދަ މިންވަރު. އަހަރުމެންގެ އެންމެ ބޮޑު މައްސަލަ އަކީ ޓީމު މާބޮޑަށް ޒުވާންވުން،" ސަލާހް ބުންޏެވެ.

މި މުބާރާތުގައި މިސުރަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށް ވުމަށް ސަލާހަށް ބޭނުންވަނީ ދެ ގޯލެވެ. އަދި 2010ގެ ފަހުން މި މުބާރާތް ކާމިޔާބު ކުރަން މިސުރު މަސައްކަތް ކުރާއިރު ސަލާހަކީ ޓީމު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ކުޅުންތެރިޔާ އެވެ.