ޚަބަރު

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

ޑރ. ޢާއިޝަތު ރަމީލާ އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އަންގާރަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާއެއްގައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.

ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވާއިރު، ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާގެ އިތުރުން ދެން އެކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމްއެވެ.