ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު ފެށި މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ މެޗްވީކް 13 ނިމި، ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، މާޒިޔާއިން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މާޒިޔާއިން މި 13 މެޗު ނިންމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑަކާއެކުއެވެ. މި 13 މެޗުން މާޒިޔާ މޮޅުނު ވަނީ ހަމައެކަނި މިދިޔަ މަހު 18 ވަނަ ދުވަހު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މާޒިޔާ އެއްވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ.
ލީގު ތާވަލުގައި މިވަގުތު ދެވަނައިގައި އޮތީ މިފަހަރުގެ ލީގުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އޮޑި ސްޕޯޓްސް ކުލަބެވެ. އޮޑިއަށް 13 މެޗުން 29 ޕޮއިންޓު ލިބިފައިވެއެވެ. މާޒިޔާއާއި އޮޑިއާ ދެމެދު އޮތީ އަށް ޕޮއިންޓުގެ ފަރަގެކެވެ.
ސަސްޕެންޝަނާ ގުޅިގެން ފުރަތަމަ ޑިވިޝަނުން ފުރުސަތު ގެއްލި، މި ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނުގައި ކުޅެންފެށި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ނިއުއަށް 13 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ލީގު ތާވަލުގެ ހަތަރުވަނައިގައި 23 ޕޮއިންޓާއެކު ބުރު ސްޕޯޓްސް ކުލަބު އޮތްއިރު 20 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ މި ސީޒަނުގައި އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. ކުލަބް އީގަލްސް އިން 19 ޕޮއިންޓާއެކު ހަވަނައިގައި އޮތްއިރު ހަތްވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކުލަބެވެ. އަށްވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ޕޮއިންޓާއެކު އޮތްއިރު ނުވަވަނައިގައި އޮތް ކްލަބް ވެލެންސިއާއަށް ވެސް އަށް ޕޮއިންޓު ލިބިފައިވެއެވެ.
ތާވަލުގެ ފުލުގައި، 13 މެޗުގެ ތެރެއިން 10 މެޗުން ބަލިވެ، ޔުނައިޓެޑް ވިކްޓްރީ އޮތީ ހަތް ޕޮއިންޓާއެކުއެވެ.
ތާވަލު މިހާރު އޮތްގޮތަށް ސީޒަން ނިމިއްޖެނަމަ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް ވެލެންސިއާއެވެ. އަދި ގްރީންއާއި ޓީސީ ޖެހޭނީ ރެލިގޭޝަން ޕްލޭއޮފް ކުޅޭށެވެ.