މިރޭ ފަށާ ސްޕެނިޝް ސުޕާ ކަޕުގައި ވާދަކުރާ ރެއާލް މެޑްރިޑުން ނެގި ސްކޮޑުން އެ ކުލަބުގެ ތަރި ކިލިއަން އެމްބާޕޭ ބާކީކޮށްފިއެވެ.
ސުޕާ ކަޕަށް ސައުދީ އަރަބިއްޔާއަށް ދިޔަ ރެއާލްގެ ޓީމާއެކު އެމްބާޕޭ ދަތުރުނުކުރާއިރު އޭނާ ސްކޮޑް ލިސްޓުން ބާކީކޮށްފައި ވަނީ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ތިން ހަފްތާއަށް ކުޅުމާ ދުރަށްދާން ވަނީ ޖެހިފައެވެ.
އުމުރުން 27 އަހަރުގެ އެމްބާޕޭގެ ކަކުލުގައި ތަދެއް ހުރެގެން އެކަމުގެ އުނދަގޫތަކާ ކުރިމަތިލާތާ ދުވަސްތަކެއް ވެއްޖެ އެވެ. މިދިޔަ މަހު 29 ވަނަ ދުވަހު ހެދި އެމްއާރުއައި ރިޕޯޓުން ދައްކާ ގޮތުގައި އޭނާގެ ލިގަމެންޓްގެ ތަދު ރަނގަޅު ކުރަން އޮޕަރޭޝަން ކުރަން ޖެހެއެވެ.
އެމްބާޕޭ ކުޅުމާ ދުރުގައި ހުންނަން މި ޖެހުނީ ވަރަށް ރަނގަޅު ފޯމެއްގައި ހުއްޓަ އެވެ. އޭނާ ވަނީ 2025 ވަނަ އަހަރު ރެއާލް މެޑްރިޑަށް 59 ގޯލު ޖަހައިދީފައެވެ.
ފްރާންސްގެ ޕީއެސްޖީން 2024 ވަނަ އަހަރު ރެއާލްއަށް ބަދަލުވި ފޯވަޑް ވަނީ މިސީޒަނުގައި މިހާތަނަށް 29 ގޯލު ޖަހައިފަ އެވެ. މީގެ ތެރޭގައި ސްޕެނިޝް ލީގުގައި ޖެހި 18 ގޯލު ވެސް ހިމެނެ އެވެ.
އެމްބާޕޭއަށް މުބާރާތުގައި ނުކުޅެވުނު ނަމަވެސް ރެއާލްގެ ކޯޗު ޒަބީ އެލޮންސޯއަށް އޮތް ހިތްހަމަޖެހުމަކީ އަނިޔާއަށްފަހު ޓްރެންޓް އެލެކްސަންޑްރަ އާނޯލްޑް ފިޓުވެފައި ހުރުމެވެ. ޒަބީ ވަނީ މުބާރާތަށް ނެގި ސްކޮޑުގައި އޭނާ ހިމަނާފައެވެ.
ސްޕެނިޝް ސުޕާ ކަޕަކީ ހަތަރު ޓީމު ވާދަކުރާ މުބާރާތެކެވެ. ކުރިން ދެ ޓީމުން، ފައިނަލް މެޗެއް ކުޅޭގޮތަށް އޮންނަ މި މުބާރާތް ހަތަރު ޓީމެއް ވާދަކުރާގޮތަށް، ފުރަތަމަ ސެމީގެ ދެ މެޗު ކުޅުމަށްފަހު ފައިނަލް ކުޅޭގޮތަށް ބަދަލުކުރީ 2020 ވަނަ އަހަރުއެވެ. ސުޕާ ކަޕުގައި ވާދަކުރާނީ ލަލީގާގެ އެއްވަނަ ދެވަނައިގެ އިތުރުން ކޮޕަ ޑެލްރޭގެ އެއްވަނައާއި ދެވަނައެވެ.
މުބާރާތުގައި މިރޭ ރާއްޖެ ގަޑިން 00:00 ގައި އޮންނާނީ މިދިޔަ އަހަރުގެ ސުޕާ ކަޕްގެ ޗެމްޕިއަން ބާސެލޯނާއާއި އެތުލެޓިކް ކްލަބް ބައްދަލުކުރާ މެޗެވެ. އަދި ބުރާސްފަތި ދުވަހުގެރޭ އޮންނާނީ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑްގެ ކުރިމަތިލުމެވެ.