އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑުގައި ހުސްވެފައިވާ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވުން އެންމެ ގާތީ، މީގެކުރިން ވެސް އެ ކުލަބަށް ކޯޗުކަންކޮށްދީފައިވާ އޮލެ ގުނަ ސޯލްޝެއާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފުޓުބޯޅައިގެ ޚަބަރުތައް އެންމެ އިތުބާރާއެކު ގެނެސްދޭ ނޫސްވެރިޔާގެ ގޮތުގައި ގިނަބަޔަކު ބަލައިގަންނަ އިޓަލީގެ ފެބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔުނައިޓެޑުގެ ވެރިން މިހާރު ގެންދަނީ، އެ ކުލަބުން ޝައުގުވެރިވާ ފަރާތްތަކާއި އަމިއްލައަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތައް އެސެސް ކުރަމުންނެވެ.
ޔުނައިޓެޑުގެ ވެރިންގެ މެދުގައި އެ މަގާމަށް ގެނައުމަށް ފޭވަރިޓެއްގެ ގޮތުގައި މިވަގުތު ހުރީ ސޯލްޝެއާކަމަށް ފެބްރީޒިއޯ ރިޕޯޓުކޮށްފައިވެއެވެ.
އަދި ސޯލްޝެއާ ވެސް ހުރީ އެ މަގާމަށް އަންނަން ނުހަނު ބޭނުންވެފައި ކަމަށާއި، ޔުނައިޓެޑާ ހަވާލުވާއިރު ކޮންޓްރެކްޓު މުއްދަތާއި މުސާރައަށް ވެސް ސޯލްޝެއާ ނުބަލާނެކަމަށް އަދި އޭނާގެ ހުރިހާ ވެސް ބޭނުމަކީ ޔުނައިޓެޑަށް ޚިދުމަތްތަކެއް ކޮށްދިނުންކަމަށް ފެބްރީޒިއޯ ބުނެފައިވެއެވެ.
ބޭރުގެ އެހެން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޯލްޝެއާގެ އިތުރުން، ރޫޑް ވޭން ނިސްޓަލްރޫއީ އަކީވެސް މި މަގާމަށް އައުމުގެ ފުރުސަތު އޮތް ފަރާތެކެވެ.
މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުރި ރުބެން އަމޯރިމް، އެ މަގާމުން މިދިޔަ ހޯމަ ދުވަހު ވަކިކުރުމާ ގުޅިގެންނެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން އަމޯރިމް ވަކިކުރުމަށްފަހު އެ ކްލަބުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ކްލަބުން މިހާރު ހޯދަމުންދާ ނަތީޖާތަކަށް ބަލާފައި ކްލަބްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި މިއީ މެންޗެސްޓަރ ޔުނައިޓެޑްއަށް މިސީޒަންގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކްލަބުން އެޅި ފިޔަވަޅެއް ކަމަށެވެ.
މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ބުނެފައިވަނީ މި ނިންމުމަކީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ކްލަބަށް އެންމެ ރަނގަޅު ހިސާބަކަށް އެރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
ޔުނައިޓެޑްގެ އައު ކޯޗެއްގެ ގޮތުގައި ސޯލްޝެއާ ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓުތަކުން ބުނާއިރު، މީގެކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުގެ މަގާމާއި ސޯލްޝެއާ ހަވާލުވީ 2018ގެ ޑިސެމްބަރު މަހުއެވެ. އެފަހަރު އޭނާ ހަވާލުވީ އެ ޓީމުގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން ވަގުތީ ކޯޗެއްގެ ގޮތުގައެވެ. އޭގެފަހުން މާރޗް 2019 ގައި އޭނާ ވަނީ ޔުނައިޓެޑާއެކު 3 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ މަގާމުން އޭނާ އެފަހަރު ވަކިކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.