ކުޅިވަރު

ރޮޒީނިއާ އަށް ޗެލްސީގެ ކޯޗުކަން ހައްގު: ރޫނީ


ރޮޒީނިއާ އަށް ޗެލްސީގެ ކޯޗުކަން ހައްގު ކަމަށް އޭނާގެ ކުރީގެ ކޯޗު އަދި އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީ ބުނެފި އެވެ.

ފްރާންސްގެ ސްޓްރާސްބޯގެ މިހާރުގެ ރޮޒީނިއާ އަކީ ރޫނީ ޑާބީ ކައުންޓީ އަށް ކޯޗުކޮށްދިންއިރު އޭނާގެ އެސިސްޓެންޓް ކޯޗެވެ. ރޫނީ މަގާމު ދޫކޮށްލުމުން ފަހުން ޑާބީގެ ކޯޗުކަން ކުރީ ވެސް ރޮޒީނިއާ އެވެ.

އޭނާ މިހާރު ވަނީ ޗެލްސީއާއެކު މަޝްވަރާތަކަށް ލަންޑަނުގަ އެވެ. ޗެލްސީން ކޯޗަކު ހޯދަން އުޅެނީ އެ ކުލަބުގެ ކޯޗުކަން އިޓަލީގެ އެންޒޯ މަރެސްކާ ދޫކޮށްލުމުންނެވެ.

"ލިއަމް އަކީ އަހަރެންނަށް ވަރަށް މުހިންމު މީހެއް. އޭނާއަކީ ކޯޗުކަން ކޮށްދިނުމުގެ ގާބިލްކަން ހުރި މީހެއް. އަހަރެންނަކީ މެނޭޖަކަށްވުރެ ބޮޑަށް ކުޅުންތެރިންނާ ވާހަކަ ދައްކާ ކޯޗެއް. އެކަމަކު އޭނާގެ ފަރާތުން އަހަރެންނަށް ވަރަށް ގިނަ ކަންކަން ދަސްވި. އޭނާ ވަނީ ވަރަށް ރަނގަޅަށް ކޯޗެއްގެ ޒިންމާ އަދާކޮށްފައި" ރޫނީ ތަޖުރިބާ ހިއްސާ ކުރި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ބުނީ ރޮޒީނިއާ ޗެލްސީ އަށް ގޮސްފިނަމަ އެ ކުލަބު މާޔޫސް ނުވާނެ ކަމަށެވެ.

"އޭނާ އެ މަސައްކަތް ކުރީ މިފަދަ ފުރުސަތަކަށް. މި ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ދެން ފުރުސަތު ނުލިބިދާނެ. އޭނާ އެ ވަނީ މި މަގާމު ލިބުން ހައްގު މިންވަރަށް މަސައްކަތް ކޮށްފައި،" ރޫނީ ބުންޏެވެ.

މިވަގުތު ޗެލްސީ އޮތީ އިނގިރޭސި ލީގުގެ ފަސް ވަނާގަ އެވެ.

އުމުރުން 41 އަހަރުގެ ރޮޒީނިއާ އަށް ޗެލްސީގެ ކޯޗުކަން ދޭނެ ކަމަށް މިހާރު ގާތްގަނޑަކަށް އެންމެހެން ތިބީ ޔަގީންކޮށްގެންނެވެ. ސަބަބަކީ އެ ކުލަބާ މިވަގުތު ހަވާލުވާނެ ތަޖުރިބާކާރު އަދި ހައި ޕްރޮފައިލް ކޯޗަކު ނުވާނެތީ އެވެ. އޭގެ ސަބަބަކީ އަވަސް އަވަހަށް ކޯޗުން ބަދަލު ކުރުމެވެ.

ފާއިތުވެދިޔަ 18 މަސް ދުވަހު އެ މަގާމު ހުރި އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ މަގާމު ދޫކޮށްލީ އޭނާގެ ހިޔާލާއި މަޝްވަރާ ނެތި މެނޭޖްމަންޓުން ޓީމުގެ ކަންކަން ނިންމާތީ އެވެ.

ރޮޒީނިއާ އަށް ޗެލްސީން ޝައުގުވެރިވާ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އޭނާ އަކީ ޒުވާން ކޯޗަކަށްވުމާއި ޗެލްސީގައި މިހާރު ތިބި ޒުވާން ކުޅުންތެރިންނާއެކު ކުރިއަށް ދެވޭނީ ޒުވާން ކޯޗަކަށް ކަމަށް ފެންނާތީ އެވެ.