ޚަބަރު

ބެނިން ބަލިކޮށް މިސްރު ކުއާޓަރ ފައިނަލަށް


މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކުއާޓަރ ފައިނަލުގެ ޖާގައެއް މިސްރުން ހޯދައިފި އެވެ.

މިސްރު އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ބެނިން އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގައި މިސްރުން ޖެހި 2 ލަނޑާއެކު ޖުމްލަ 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މޮރޮކޯގެ މަރަކެޝް ގައި ކުޅުނު މި މެޗުގައި މިސްރުން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި މުބެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 24 ވަނަ މިނިޓުގައި މިސްރުގެ މަރްވީން އަތިއާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް ބެނިންގެ ޖޮޑެލް ޑޯސޫ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ 30 މިނިޓުގެ ތެރެއިން 7 ވަނަ މިނިޓުގައި މިސްރުން ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މި މެޗުގައި ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔާސިރު އިބްރާހިމް އެވެ.

އަދި އިތުރު ވަގުތުގެ ފަހު މިނިޓުގައި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި މިސްރާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ މިއަދު އައިވަރީ ކޯސްޓް އާއި ބުރްކިނަފާސޯ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.