ޚަބަރު

ޒަކާތު ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • ހުޅުވާލާފައިވަނީ އާންމުންގެ ތެރެއިން ޒަކާތު މާހިރުންގެ ގޮތުގައި 2 މެންބަރަކު ހޮވަން

  • ފޯމު ބަލައިގަންނާނީ މިމަހުގެ 15ގެ 12:00ގެ ނިޔަލަށް ރައީސް އޮފީހުން

ޒަކާތުގެ ޤާނޫނުގެ ދަށުން އެކުލަވާލާ ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

ޤާނޫނުގެ ދަށުން، ހުޅުވާލައްވާފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން އެ ކައުންސިލަށް ޢައްޔަންކުރުމަށެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޒަކާތުގެ ޤާނޫނުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި، ޒަކާތު ހައުސްއަށް ލަފާދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާހެން ޖުމްލަ 9 މެންބަރުން ތިއްބަވާނެއެވެ.

ޒަކާތުގެ މާހިރުންގެ ތެރެއިން ޒަކާތު ކައުންސިލް ތަމްސީލުކުރާ ފަރާތްތަކަކީ އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން ނުވަތަ މެކްރޯ އިކޮނޮމިކްސް ނުވަތަ ފިސްކަލް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓްގެ ދާއިރާއަކުން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން އެކަށީގެންވާ ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކުކަމުގައި ވާން ޖެހޭނެކަމަށް ޒަކާތު ހައުސް އިން ވިދާޅުވިއެވެ. އަދި ކަމާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި ކުރިމަތިލާ މީހަކީ ދިވެހި ރައްޔިތެއް ކަމުގައިވާން ޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

ޒަކާތު ކައިންސިލްއަށް އައްޔަންކުރާ މެންބަރުންގެ މައްސޫލިއްޔަތުގެ ތެރޭގައި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެހެން ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ ކަންކަމުގައި ވަޒީރަށް ލަފާ ދިނުމާއި މި ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ޒަކާތު ހައުސްއަށް ލަފާ ދިނުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ އެންމެހައި ކަންކަން ކުރެވެމުންދާކަން ކަށަވަރުކުރުމާއި ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ގޮތުން ލަފައެއް ހޯދަން ކައުންސިލަށް ފެންނަ ކަންކަމުގައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ލަފާ ހޯދުން ހިމެނެއެވެ.

މީގެ އިތުރުން ޒަކާތުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރެވޭނެ ގޮތްތައް ދިރާސާކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޒަކާތުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާމެދު ވަޒީރަށް ލަފާ ދިނުމާއި ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް ޑިރެކްޓަރ ޖެނެރަލް ޖަވާބުދާރީކުރުވުމުގެ އިތުރުން ޒަކާތު ކައުންސިލުން އަދާކުރަންޖެހޭ އެނޫންވެސް އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން ހިމެނޭނެއެވެ.

ޒަކާތުގެ ޤާާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.