ޚަބަރު

މަދޫރޯ ހައްޔަރުކުރުން ޗައިނާއިން ކުށްވެރިކޮށްފި


ކޮންމެ ޤައުމަކަށްވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށް ބުނެ، އެމެރިކާއިން ވެނެޒުއެލާއަށް އަރައި، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުން ޗައިނާއިން ކުށްވެރިކޮށްފިއެވެ.

ޑިސެމްބަރު 2ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި، ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު، މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޑިޓެންޝަން މަރުކަޒަކަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް ބެލެވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ރުހުން ނުހޯދައި، އެއްވެސް ޤައުމަކުން އެހެން ޤައުމަކަށް އަރައި އަސްކަރީ ޙަރަކާތްތައް ހިންގުމާ ދެކޮޅަށް ޗައިނާއިން އަބަދުވެސް ވަކާލާތުކުރެއެވެ.

ޕާކިސްތާންގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި، ވެނެޒުއެލާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވާ ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގ ޔީ ވިދާޅުވީ، އެއްވެސް ޤައުމަކުން މުޅި ދުނިޔޭގެ ފަނޑިޔާރެއްގެ ހައިސިއްޔަތު އަމިއްލައަށް ނަގައިގެން އުޅުމަކީ ޗައިނާއިން ޤަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

މިގޮތުން، ހުރިހާ ޤައުމަކަށް ވެސް އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ހިމާޔަތް ލިބެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވެސް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ހުރިހާ ޤައުމަކުން ވެސް ބޯލެނބުމަށް ގޮވާލައްވައިފައެވެ. އަދި އެކަމުގައި ބޮޑެތި އަދި ބާރުގަދަ ޤައުމުތަކުން މިސާލު ދައްކަންޖެހޭ ކަމަށް ވެސް ޝީ ވިދާޅުވެފައިވެއެވެ.

ވެނެޒުއެލާގެ މައްސަލައިގައި، ކޮލޮމްބިއާއިން އިސްވެ، ޗައިނާ އަދި ރަޝިއާގެ ތާޢީދާއެކު ވަނީ އދގެ ސަލާމަތީ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ.