މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަނުން 2025 ވަނަ އަހަރު ނިންމާލީ ދަތިތަކާއެކު ނަމަވެސް ކާމިޔާބުކަމާއެކު ލީގުގެ ހުރިހާ މުބާރާތްތަކެއް ބާއްވާ އައު އެތުލީޓުންތަކެއް އުފައްދާފައެވެ.
މީގެ އިތުރުން އަހަރު ނިންމާލިއިރު އެންމެ ބޮޑު އެއް ކާމިޔާބީއަކީ އެ އެސޯސިއޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެ ހިންގާ ގްރާސްރޫޓް ޕްރޮގްރާމު ހުދުފޮނު އަތޮޅު ތެރޭގައި ކާމިޔާބުކަމާއެކު ހިންގާފައެވެ.
އަދި އައު އެތުލީޓުން އުފައްދާ، ބޮޑީބޯޑިންގެ ހުނަރު ހުރި ކުދިން ދެނެގަނެ ގައުމީ ލީގުން ބައެއް ކުދިންނަށް ފުރުސަތު ހޯދައިދިނެވެ. ނ. ޅޮއްސާއި ށ. ކަނޑިތީމުން ބޮޑު ތަރުހީބެއް ލިބުނު ހުދުފޮނުގެ ދެ ކުލިނިކުންވެސް އައު އެތުލީޓުން އުފެއްދިއެވެ. އަދި އެ ރަށްރަށުގެ ޖަމްއިއްޔާތަކާއި ގުޅިގެން ހުނަރުވެރި ކުދިންނަށް ކުރިޔަށްދާނެ މަގު ތަނަވަސްކޮށްދިނެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އެތުލީޓުން އަހަރު ނިންމާލީ ކުރިޔަށްދާން އިތުރު ހިތްވަރެއް ލިބިގެންނެވެ. އެ ހިތްވަރު އެތުލީޓުން ހޯދީ ސަރުކާރުން މުސާރަބޮޑުކޮށްދިނުމާއި، މި ޖެނުއަރީން ފެށިގެން އިންޝިއުރެންސް ލިބޭ ގޮތް ހަމަޖައްސައިދިނުމުންނެވެ. އަދި މިއަހަރާއި އެތުލީޓުން ކުރިމަތިލީ އަރުތަ ޕްރޮގްރާމުގެ ތެރެއިން ސްކޮލަރޝިޕް ލިބޭނެ ކަމުގެ އުފާވެރި ހަބަރާއެކުގައެވެ.
ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ބޮޑީ ބޯޑަރުންނަށް އެހެން ކުޅިވަރުތަކުގެ އެތުލީޓުންނެކޭ އެއްގޮތަށް މިއަހަރު ވެގެންދާނީ ފުރުސަތުތައް ފަހި އަހަރަކަށްކަމަށެވެ. އެގޮތުން ގައުމީ ޓީމުގެ އެތުލީޓުންނަށް މުސާރައާއި އިންޝުއަރެންސް ލިބުމުގެ އިތުރުން އަރުތަ ފްރޮގްރާމުގެ ދަށުން މިއަހަރު ސްކޮލަރޝިޕް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ބޮޑީ ބޯޑަރުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އެސޯސިއޭޝަނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި، ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ބޯޑީ ބޯޑަރުންނަށް ކުރިއަރައިގެން ދިއުމަކީ ކުރެވޭ އުންމީދެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އަހަރު ނިންމާލި އިރު ބޮޑީ ބޯޑިން ލީގުގެ ތިން މުބާރާތުން އެތުލީޓުން އެއްކުރި ޕޮއިންޓްތަކަށް ބަލައިގެން ރޭންކިންގެ އެންމެ މަތީގައިވާ އެތުލީޓުން ވަނީ ގައުމީ ޓީމުން ޖާގަ ހޯދާފައެވެ.
އެ އެތުލީޓުން އުންމީދު ކުރަނީ މިއަހަރަކީ ދުނިޔޭގެ ބޮޑީބޯޑިންގެ މައި އިދާރާ، އައިބީސީ ޓުއަރގައި ވާދަކޮށް ދުނިޔޭގެ ރޭންކިންގައި ކުރިޔަށް ޖެހިލުމަށެވެ. މިހާރު ރާއްޖޭގެ ސީނިއާ އެތުލީޓުންގެ ތެރެއިން އަލީ ހުޝްރުވާން އަހުމަދު އާއި އާމިން އުމަރު މޫސާ ވަނީ ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ދެ އެތުލީޓުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އާމިން އުމަރު މޫސާއަކީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ އެތުލީޓެކެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ބޮޑީބޯޑަރުންނަކީ ތައުލީމީ ގޮތުންނާއި އަހްލާގީ ގޮތުންވެސް ރަނގަޅު ކުދިންތަކެއްކަން ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ސާބިތުކޮށްދެމުން ކަމަށާއި، މިއީ ވަރަށް ސުލްހަވެރިކަމާއި، އެކުވެރިކަން ރަމްޒުކޮށްދޭ ކުޅިވަރެއް ކަމަށެވެ.
އެހެންކަމުން މިއީ އަހުލާގު ރަނގަޅު ކުދިންތަކެއް އުފެދިގެން އަންނަ ކުޅިވަރެއް ކަމަށާއި، މިއީ ފުރުސަތުތައް ހުޅިވިފަ އޮތް މުޖުތަމައުން އެއްކިބާވެގެން ދާދިއުން ހުއްޓުވުމަށް އެހީވެދޭ ކުޅިވަރެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
”މޫދު ކުޅިވަރަކީވެސް އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ޑިސިޕްލިންވެ އިހްތިރާމުކޮށް އެތުލީޓެއްގެ ގައިގަ ހުންނަންޖެހޭ ރަނގަޅު ސިފަތައްއެބަހުރިކަން. މީގެ ސަބަބުން އެހެން މަގުމަގުން ކުދިން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން އެބަދޭ“
އަހަރު ނިންމާލި އިރު ބޮޑީބޯޑިންގ އެސޯސިއޭޝަނަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރާއްޖޭގެެ އެކި ސަރަހައްދުތަކުގައި މުބާރާތްތައް ބޭއްވުމަށް ބޭނުންވާ ފައިސާ ހަމަނުޖެހުމެވެ. ގައުމީ ބޮޑީ ބޯޑިން ޕްރޮގްރާމް “ހުދު ފޮނު” ކުލިނިކުތައް ނ. ޅޮއްސާއި ށ. ކަނޑިތީމުގައި ހިންގާ ކާމިޔާބު ކަމާއެކު ހިންގާ، ލީގަށް އައު އެތުލީޓުން ނެރުނެވެ.
ކުޅިވަރު ގާނޫނުން ލާޒިމުކުރާ ގޮތަށް މި ކުޅިވަރު މުޅި ރާއްޖެއަށް ފަތުރާލާ، ގައުމީ ޓީމަށް މުޅި ރާއްޖެ ހިމެނޭހެން އެތުލީޓުން ނެގުމަށްވެސް ކުރިޔަށް އޮތްތަނުގައި ހުދުފޮނު ޕްރޮގްރާމުތަކުން މަގުފަހިވެގެންދާއިރު އަހަރު ނިންމާލި އިރު އެންމެ ބޮޑު އެއް ކާމިޔާބީއަކީ އައު އެތުލީޓުން އުފެއްދުމެވެ.
އަދި ވަކިން ހާއްސަކޮށް ބޮޑީބޯޑިންގެ ހުނަރު ހުރި ކުދިން ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޯދާ އެ ކުދިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރެވޭނެ ޕްލެޓްފޯމުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އޭގެތެރެއިން ފާހަގަވި އަންހެން އެތުލީޓުންނަށް ގައުމީ ފެންވަރުގައި މުބާރާތްތަކުގައި ވާދަކުރުމަށް ބޭނުންވާ ތަމްރީނުތައްދީ މިއަހަރު އަންހެން ބޮޑީބޯޑިން ޓީމެއް އެކުލަވާލުމަކީ އެމްބީބީއޭގެ އެންމެ ބޮޑު އެއް އަމާޒެވެ.
އެ އަމާޒަށް ވާސިލުވުމަށް މި އަހަރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުދުފޮނު ކުލިނިކްތައް ބާއްވާނެއެވެ. ހުދުފޮނަކީ މީގެ ކުރިން ހަމައެކަނި މާލޭގައި ބާއްވަމުން އައި ޕްރޮގްރާމެއް ނަމަވެސް އަތޮޅުތެރެއަށް އެ ޕްރޮގްރާމު ގެންދިޔައީ 2025 ގައެވެ.
އެމްބީބީއޭގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ މިއަހަރު ވެގެންދާނީ ބޮޑީބޯޑަރުންނަށް އުފާވެރި ’ސަޕްރައިޒިން‘ އަހަރަކަށް ކަމަށެވެ.
މިއަހަރަށް ބޮޑީބޯޑިން ކޮމިއުނިޓީންވެސް ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ޒަމާނުއްސުރެ ރާޅާ އެޅުންތެރިން ބޭނުން ކުރަމުން އަންނަ ވަރުނުލާ ރާޅުގަނޑު ސަރަހައްދު ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީވެގެން އައުމެވެ. އަދި ރާއްޖެ ފަދަ ގުދުރަތީ ރީތި ރާޅު ޕޮއިންޓްތައް އޮންނަ މާހައުލަކަށް ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ ފަންތީގައި ގުނާލެވޭ ބޮޑީބޯޑަރުންގެ ޝައުގު އުފައްދާ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިނުމެވެ.
މިއަހަރު ވެގެންދާނީ ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތްތައް ގެނެސް ސްޕޯޓްސް ޓޫރިޒަމު ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ކުރާ މަސައްކަތަށް ބޮޑު އެއްބާރުލުމެއް އެމްބީބީއޭއިން ދޭނެ އަހަރެއްގެ ގޮތުގައެވެ.
އެމްބީބީއޭއިން މިއަހަރު ފަށާފައިވަނީ މޮރޮކޯގައި އޮންނަ ވޯލްޑް ޓުއަރގައި ވާދަކުރުމުގެ ފުރުސަތު ދިވެހި އެތުލީޓުންނަށް ހޯދައިދީގެންނެވެ.
އައިބީސީގެ އިވެންޓަކުން މި އަހަރު ފަށާއިރު ރާއްޖޭގެ ގައުމީ ޓީމުގެ ހުރިހާ އެތުލީޓުންވެސް ކުރާ އެންމެ ބޮޑު އުންމީދަކީ ދުނިޔޭގެ މޮޅެތި ބޮޑީބޯޑަރުންނާއެކު މުބާރާތްތަކުގައި ވާދަކޮށް އެ އެތުލީޓުންގެ ފެންވަރު މަތިކުރުމެވެ.
އެގޮތުން ކުރީގެ ގައުމީ ޗެމްޕިއަން އަލީ ހުޝްރުވާ (ކުޑަ އައްޔަ) ބުނީ މިއަހަރު ނުވަތަ އަންނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވައިވާފަދައިން ސާފިން ސްޓޭޑިއަމެއް ފެންނާނެ ކަމަށް ވަރަށް އުންމީދު ކުރެވޭ ކަމަށްވެ.
”ނޯމަލް ސްޓޭޑިއަމެއް ނޫން މިއަޅަނީކީ، އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމެއް އަޅާތީ ވަރަށް އުފާވެފަ. އެއީ ވާ ގޮތަކީ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް މި އަންނަނީ. އައްޔަ އެންމެ ކުޑައިރުންސުރެ މި ބޮޑުވީ މި ރާޅުގަނޑުގައި. އެހެންވީމަ އައްޔަ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް ބޭރު ރާޅާ އަޅާ ކުދިންނާ ދިވެހިންނާ އެއްކޮށް މިތާނގަ (ރާޅުގަނޑުގަ) އިންޓަނޭޝަނަލް މުބާރާތްތައް ގިނަވެ އެންމެނަށް ފެނި ރާޅާ އަޅާ ކުދިންގެ ފެންވަރު މަތިވެގެންދާނެ“ ކަމަށެވެ.
މި އުންމީދުތައް ހާސިލްކޮށްދިނުމަށް ކުޅިވަރު ވުޒާރާ އާއި އެމްބީބީއޭއިން މިއަހަރުވެސް އެތުލީޓުން ވަރަށް ގާތުން މަސައްކަތް ކުރާނެއެވެ.
އެގޮތުން ކުރީގެ ގައުމީ ޗެމްޕިއަން އަލީ ހުޝްރުވާ (ކުޑަ އައްޔަ) ބުނީ މިއަހަރު ނުވަތަ އަންނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވައިވާފަދައިން ސާފިން ސްޓޭޑިއަމެއް ފެންނާނެ ކަމަށް ވަރަށް އުންމީދު ކުރެވޭ ކަމަށްވެ.
”ނޯމަލް ސްޓޭޑިއަމެއް ނޫން މިއަޅަނީކީ، އިންޓަނޭޝަނަލް ފެންވަރުގެ ސްޓޭޑިއަމެއް އަޅާތީ ވަރަށް އުފާވެފަ. އެއީ ވާ ގޮތަކީ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް މި އަންނަނީ. އައްޔަ އެންމެ ކުޑައިރުންސުރެ މި ބޮޑުވީ މި ރާޅުގަނޑުގައި. އެހެންވީމަ އައްޔަ އަބަދުވެސް ދެކެން ބޭނުންވާ ދުވަހެއް ބޭރު ރާޅާ އަޅާ ކުދިންނާ ދިވެހިންނާ އެއްކޮށް މިތާނގަ (ރާޅުގަނޑުގަ) އިންޓަނޭޝަނަލް މުބާރާތްތައް ގިނަވެ އެންމެނަށް ހަމަ ލޮލަށް ފެނި ރާޅާ އަޅާ ކުދިންގެ ފެންވަރު މަތިވެގެންދާން“ ކަމަށެވެ.
މި އުންމީދުތައް ހާސިލްކޮށްދިނުމަށް ކުޅިވަރު ވުޒާރާ އާއި އެމްބީބީއޭއިން މިއަހަރުވެސް އެތުލީޓުން ވަރަށް ގާތުން މަސައްކަތް ކުރާނެއެވެ.