ޚަބަރު

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު %15 އިތުރު


  • ނޮވެމްބަރުމަހު ލުއި ލޯނާއި ކްރެޑިޓް ކާޑަށް 8.7 ބިލިއަން ރުފިޔާ ދޫކުރި

  • މިއީ އޭގެ ކުރީ އަހަރުގެ ނޮވެމްބަރ މަހާއި އަޅާބަލާއިރު %15 އިތުރުވުމެއް

2025ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު %15 އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ނޮވެމްބަރުމަހު ލުއި ލޯނާއި ކްރެޑިޓް ކާޑަށް 8.7 ބިލިޔަން ރުފިޔާ ބޭންކްތަކުން ދޫކޮށްފައިވެއެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު ދޫކޮށްފައިވަނީ 7.3 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %15 އިތުރުވުމެކެވެ.

2025ވަނަ އަހަރުގެ ޖެނުއަރީ މަހު ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާގެ އަދަދު ހުރީ 7.6 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހު 8.7 ބިލިޔަން ރުފިޔާ ލޯނާއި ކްރެޑިޓް ކާޑަށް ދޫކޮށްފައިވާއިރު މިއީ 1.1 ބިލިއަން ރުފިޔާ އިތުރުވުމެކެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި މައިގަނޑު ސިނާޢަތްތައް ކަމަށްވާ ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ.

ޓޫރިޒަމް ފިޔަވައި އެންމެ ގިނަ ލޯނު ބޭންކްތަކުން ދޫކުރަނީ ކްރެޑިޓް ކާޑާއި ލުއި ލޯނަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވުން ގުޅިފައިވަނީ، ވޯކިންގ ކެޕިޓަލްއާއި، ރިސޯޓް ތަރައްޤީކުރުން އަދި ގެސްޓްހައުސްތަކަށް ދޫކުރާ ލޯނުތައް އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.