އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރި ފަށުން ބެލިސްޓިކް މިސައިލްތަކެއް ކަނޑުގެ ސަރަޙައްދަށް އުދުއްސައިފިއެވެ.
މިއީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން އެ ގޮތަށް މިސައިލް އުދުއްސާފައިވާ ފުރަތަމަ ފަހަރެވެ. އެ މިސައިލް އުދުއްސާފައި ވަނީ ޕްޔޮންގްޔޭންގް ސަރަޙައްދުން ކޮރެއަން ޕެނިންސުލާއާއި ޖަޕާނާ ދެމެދުގެ ސަރަޙައްދަކަށެވެ. އެ މިސައިލްތައް މިހާރު ކަނޑަށް ވެއްޓިފައިވާ ކަމަށް ބެލެވެއެވެ.
އުުތުރު ކޮރެޔާއިން މިސައިލް ފޮނުވާފައި ވަނީ ދެކުނު ކޮރެޔާގެ ރައީސް ލީ ޖައެ މިޔޮންގ، ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ފެއްޓެވުމުގެ ގަޑިއިރު ކޮޅެއް ކުރިންނެވެ. މި ދަތުރުގެ ތެރޭގައި ކޮރެއަން ޕެނިންސުލާގައި ޞުލްޙަ ދެމެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އުތުރު ކޮރެޔާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޗައިނާގެ އެހީތެރިކަން އޭނާ ހޯއްދަވާނެ ކަމަށް ބެލެވެއެވެ.
އުތުރު ކޮރެޔާއިން މިސައިލެއް އުދުއްސާފައި މި ވަނީ އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެޔާއިން ވަނީ އެމެރިކާގެ ޢަމަލުތައް ކުށްވެރިކޮށް، އެމެރިކާއިން ވެނެޒުއެލާގެ އިސްތިގުލާލަށް އަރައިގެންފައިވާ ކަމަށް ބުނެފައެވެ.