ދީން

ވޯލްޑް ޤުރުއާން އަވަރގައި އިސްލާމިކް ޔުނިވަރސިޓީން ބައިވެރިވަނީ


"ވޯލްޑް ޤުރުއާން އަވަރ"ގައި އިސްލާމިކް ޔުނިވަރސިޓީން ބައިވެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ. މިއީ ވޯލްޑް ޤްރުއާން އަވަރގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްޞަ އިންޓަރވިއުއްގައި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞަޢީދު ވިދާޅުވީ، ވޯލްޑް ޤުއުރާން އަވަރ މިފަހަރު ފާހަގަކުރަނީ ޢަރަފާތު ދުވަހު ކަމަށާއި އެދުވަހު ހެނދުނު ނުވައެއް ޖަހާއިރު މި ޕްރޮގްރާމް ބޭއްވެވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ޕްރޮގްރާމަކީ ޤުރުއާނާއެކު އުޅޭ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން މެލޭޝިއާގެ ޤުރުއާނާބެހޭ ޚާއްޞަ މަރުކަޒުން އިންތިޒާމް ކޮށްގެން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދީނީ ޙަރަކާތެކެވެ. 

img:http://s2.psmnews.mv/images/660x400/14624565902180.jpg|އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު - ފައިލް ފޮޓޯ: ޕިއެސްއެމް

އިސްލާމިކް ޑރ. ޝަހީމް ވިދާޅުވީ، މިޙަރަކާތަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ބައިވެރިވެގެން އެއް ވަގުތެއްގައި ކުރިއަށްގެންދާ ޤުރުއާނާބެހޭ ޚާއްޞަ ގަޑިއެއްކަމަށެވެ. މިގަޑީގައި މިފަހަރު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނީ ލޯތްބާއި، ކުލުނުވެރިކަމާއި، އަދި ޝުކުރުވެރިވުމާ ގުޅޭގޮތުން، ކީރިތި ޤުރުއާނުގައި ހުރި އާޔަތްތަކާ ބެހޭގޮތުންކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޢަރަފާތު ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އިސްލާމިކް ޔުނިވަރސިޓީގެ ހޯލުގައި ބާއްވަވާ މި ޙަރަކާތުގައި ރާއްޖޭގެ ދީނީ ފަސް އިލްމުވެރިޔަކު ވާހަކަ ދައްކަވާނެކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެންމެނަށް ހުޅުވާލާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޤުރުއާން އަވަރ ރޯދަމަހުވެސް ބޭއްވިފައި އެބައޮތް ދުނިޔޭގެ ވަރަށް ގިނަ ޤައުމު ތަކުން ބައިވެރިވެގެން. މިފަހަރު މި ބާއްވާ ދުވަސް މި ދިމާވަނީ އަރަފާތު ދުވަހާ. އެހެންވީމާ މީގައި ވަރަށް ގިނަ ބަޔަކު އެބަ ބައިވެރިވޭ. އޭގެ ތެރޭގައި މެލޭޝިއާ، ޔޫކޭ، އޫއެސްއޭ، އޮސްޓްރޭލިއާ، ސިންގަޕޫރު މިހެންގޮސް ވަރަށް ގިނަ މުސްލިމް ކޮމިއުނިޓީތައް މީގައި ބައިވެރިވޭ. ދެން ވަރަށް ގިނަ ޓީވީ ޗެނަލް ތަކުން އެޤައުމުތަކުގައި ލައިވް ކުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޕީއެސްއެމުން މި ހަރަކާތް ލައިވް ކުރުމުގެ މަސްއޫލިއްޔަތު ނެގިކަމީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް" ޝަހީމް ވިދާޅުވިއެވެ.