އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެ ތާވަލުގެ ކުރީގައި ފަރަގު ބޮޑުކޮށްފި އެވެ.
ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި 11 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި ބޯންމަތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އާސެނަލްގެ ގެބްރިއަލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އާސެނަލް އިން ވަނީ އޭގެ ހަ މިނިޓު ފަހުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ގެބްރިއެލް މަގަލާއެސް އެވެ.
އާސެނަލް އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 54 ވަނަ މިނިޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި ޑެކްލަން ރައިސް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ލީގު މެޗެއްގައި ޑެކްލަން ރައިސް ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
ބޯންމަތުގެ ޒުވާން ކުޅުންތެރިޔާ އެލީ ޖޫނިއާ ކްރޫޕީ ވަނީ މެޗުގެ 76 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފަ އެވެ.
މި ސީޒަނުގައި ބޯންމަތުގައި މޮޅު ކުޅުމެއް ދައްކާފައިވާ އެންޓޮއިން ސެމެންޔޯ ވަނީ މި މެޗުގައި ކުޅެފަ އެވެ. ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ސެމެންޔޯ ވަނީ 65 މިލިއަން ޕައުންޑުގެ ފީ އަކަށް މެންޗެސްޓަރ ސިޓީ އާއި ގުޅުމަށް ނިންމާފަ އެވެ. އެހެންކަމުން މިއީ އޭނާ އެ ކްލަބަށް ކުޅޭނެ ފަހު މެޗެވެ.
މި ނަތީޖާ އާއިއެކު އާސެނަލް އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން ޖުމްލަ 48 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ނަމަވެސް ޗެލްސީ އާއި ދެކޮޅަށް ސިޓީ މިއަދު ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ އެ ފަރަގު ފަސް ޕޮއިންޓަށް ކުޑަވާނެ އެވެ.