ޚަބަރު

އަދަބީ ޢީދު މިއަހަރު ބާއްވާނީ ޅ. ނައިފަރުގައި


ދިވެހިބަހާއި އަދަބިއްޔާތާއި ސަގާފަތަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވުމަށް ބާއްވާ އަދަބީ ޢީދުގެ މި އަހަރުގެ ހަރަކާތްތައް ޅ. ނައިފަރުގައި ބޭއްވުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމަވައިފިއެވެ.

އަދަބީ ޢީދުގެ މި އަހަރުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ އެކާވީހުން ސައުވީހަށެވެ. މިއީ މުޅި އަތޮޅު ޝާމިލުވާގޮތަށް ދިވެހިބަހުގެ އެކެޑަމީން ދިވެހިބަހާއި ސަގާފަތް އާލާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.

ދިވެހިބަހުގެ އެކެޑަމީގެ ނައިބު ރައީސް ރާފިޢާ ޢަބްދުލްޤާދިރު ވިދާޅުވިގޮތުގައި ބަހާއި ތާރީޚާއި ސަގާފަތަށް އަދަބީ ޢީދު ޚާއްސަ ކުރައްވާފައި އޮތަސް، މި ޢީދުގެ ސަބަބުން އެއްބައިވަންތަ މާހައުލެއް ޤާއިމް ކުރެވިގެންދާނެކަމަަށެވެ. އަދި ސްޓޭޖް ހަރަކާތްތަކަކީ މިހާރު އާލާކުރަންޖެހިފައިވާ މުހިންމު ފަންނެއްކަމަށާއި މި ފަންނު ކުރިއެރުވުމަށްޓަކައި އަދަބީ ޢީދުގައި ސްޓޭޖް ޑްރާމާތައް ކުރިއަށް ގެންދެވެމަށް އަމާޒުކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދަބީ ޢީދުގައި ދިވެހި ބަހުގެ ކޯހަކާއި ޅެންވެރިކަމުގެ ކޯހެއް ހިންގަވާނެކަމަށާއި ސްޓޭޖް ހަރަކާތްތަކާއި އަތުލިޔުމުގެ މުބަރާތުގެ އިތުރުން، ރައިވަރު ކިޔުމުގެ މުބަރާތެއްވެސް މި ޢީދުގެ ތެރޭގައި ކުރިއަށްދާނެކަމަށް ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތުދެއްވައެވެ. މި ޢީދުގައި ބައިވެރިވުމުގެ ފުރުސަތު ޅ. އަތޮޅުގެ ސްކޫލްތަކަށް މިހާރުވަނީ ހުޅުވާލައްވާފައެވެ.