ޚަބަރު

އެމެރިކާ ސިފައިން ރައީސް މަދޫރޯ ހައްޔަރުކޮށްގެން ގެންގޮސްފި


އެމެރިކާގެ ސިފައިން ވެނެޒުއޭލާއަށް ވައިގެ ޙަމަލާތައް ދިނުމަށްފަހު، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރާ ހައްޔަރުކޮށްގެން ޤައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

އެ ޙަމަލާތަކުގެ އަޑުތައް ވަރަށް ދުރަށް ގުގުމާފައިވާއިރު، ގިނަ ޢިމާރާތްތަކުން ދުން އަރާ މަންޒަރު ވެސް ފެންނަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ޓްރަމްޕް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން މަދޫރޯގެ ސަރުކާރާ ދެކޮޅަށް "ވަރަށް ކާމިޔާބު" އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން، ވެނެޒުއޭލާއިން ނެރެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، މަދޫރާ ގެންގޮސްފައިވަނީ ސީދާ ކޮންތަނަކަށް ކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.

ވެނެޒުއޭލާގައި މި ވަގުތު ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާއިރު، މަދޫރޯ ވީތަނެއް ކަޑަވަރުނުވާކަމަށް އެ ޤައުމުގެ ނައިބު ރައީސް މީގެކުޑައިރުކޮޅެއް ކުރިން ޓީވީތައް މެދުވެރިކޮށް ދެއްވި ޚިޠާބެއްގައި ވިދާޅުވިއެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށެވެ.

އެއާއެކު، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ.

މީގެއިތުރުން، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފައެވެ.