ޚަބަރު

ފުވައްމުލަކު ފަރަށް އަރާފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތް


ފުވައްމުލަކު ފަރަށް އަރާފައިވާ މުދާއުފުލާ ބޯޓު ފުންކުރުމަށްޓަކައި އެބޯޓުގައި ހުރި ހިލަޔާއި ހިލަވެލި ހުސްކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ހުއްދަ، ސަރުކާރުން ދެއްވައިފިއެވެ.

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ފުވައްމުލަކަށް ދިޔަ މިބޯޓު އެރަށު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޕީ.އެސް.އެމް ނިއުސް އަށް މައުލޫމާތުދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ފުވައްމުލަކު ފަރަށް އަރާފައިވާ ބޯޓު ފުންކުރުމައްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވެވިފައިވާކަމަށާއި، ބޯޓުގައި ހުރި ހިލަޔާއި، ހިލަވެލި މޫދަށް އެސަރަހައްދުގެ ކަނޑަށް ނުވަތަ ފަރުމައްޗަށް އަޅާލުމުގެ ހުއްދަ ދެއްވަން ނިންމެވީ، ބޯޓުގެ ވެރިފަރާތައް ދެއްވަން ޖެހޭ އެއްބާރުލެއްވުން ދެއްވުމުގެ ގޮތުން، އިތުރުގޮތެއް ނެތިއްޖެ ހާލަތެއްގައި އެކަންވެސް ކުރެވިދާނެކަމަށް ކަމާގުޅުންހުރި އިދާރާތަކަށް ފެނިވަޑައިގެންނަވާތީކަމަށެވެ.

img:http://s2.psmnews.mv/images/660x400/14711524600330.jpg|ފުވައްމުލަކު ފަރަށް އަރާފައި އޮތް ބޯޓު / ފޮޓޯ: އެމްއެންޑީއެފް

ވިއެޓްނާމްގެ "އެމްވީ އެން.ޖީ.އޯ.ސީ، ސަން" ނަމަކަށް ކިޔާ މިބޯޓު ފުންކުރުމަށްޓަކައި ބޯޓުގެ ވެރިފަރާތުން މިހާރުވަނީ ޓަގްބޯޓެއް ގެނެސް މަސަކަތް ފަށާފައެވެ. ނަމަވެސް ވޭތުވެދިޔަ ދެ ހަފްތާގައިވެސް ފުވައްމުލައް ހިމެނޭ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން އެމަސައްކަތައް ހުރަސް ހެޅިފައިވާތީ، ބޯޓު ފުންކުރުމަށް ދެއްވި 15 ދުވަހުގެ މުއްދަތަަށް ވަނީ އިތުރު ފަނަރަ ދުވަސް ދެއްވާފައެވެ. ބޯޓުގައި ހުރި ހިލަޔާއި، ހިލަވެލި ހުސްކުރުމުގެ ހުއްދަ ދެއްވި ނަމަވެސް ބޯޓުގައި ހުރި ތެޔޮ އެއްވެސް ވަރަކަށް ކަނޑަށް ބޭރުނުވާނެ ގޮތަކަށް ބަލައިގެން ފުންކުރުމުގެ މަސަކަތް ކުރިއަށްގެންދިއުމަށް ލަފާދެއްވާފައި ވާނޭކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއްވައެވެ.