ޚަބަރު

ދައުލަތުގެ އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް ތަމްރީނެއް


ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް މަޢުލޫމާތު ހާމަކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގުޅޭގޮތުން، ދައުލަތުގެ އެކި އިދާރާތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް ތަމްރީނު ދެއްވުމުގެ ބައްދަލުވުމެއް ބާއްވަވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބޭއްވެވި މި ބައްދަލުވުމުގެ މަޤްޞަދަކީ، ކަމާގުޅުންހުރި ގާނޫނުގެ ދަށުން ދައުލަތުގެ ހުރިހާ ކަންކަމެއް ހާމަކަންބޮޑު ގޮތެއްގައި ކުރުމަށް ބާރު އެޅުމާއި، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުން ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުގެ އޯކިޑް މާލަމުގައި ބޭއްވެވި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި އިންފޮމޭޝަން އޮފިސަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، އެ އޮފީހުން ކަނޑައަޅުއްވާފައިވާ އުސޫލުތަކުގެ މަތިން ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމުގައި ހީވާގިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންފޮމެޝަން އޮފިސަރުން ތަމްރީނުކުރެއްވުމަށް މިއަދު ހިންގެވި މި ޕްރޮގްރާމްގައި މާލޭގައި ހުރި ދައުލަތުގެ 50 އިދާރާއަކުން އޮފިސަރުން ބައިވެރިވެފައިވެއެވެ.