ޚަބަރު

ބޫޓާން ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން


ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މިސްޓަރ ސޯނަމް ޓޮބްޑެން ރަގްބިޔެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާންގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާންގެ ފަރާތުން މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ، ރާއްޖެއާ ބޫޓާންއަކީ އެއްގޮތް ސިޔާސަތުތަކެއް އެކުލެވޭ ދެޤައުމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާ ބޫޓާންއާ ދެމެދުގައިވާ ޚާރިޖީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާންގެ ސަފީރު މަޝްވަރާކުރެއްވިއެވެ.