ސިއްހަތު

ލޭ އަޅާ ކުދިންނަށް ރަށުގައި ތިބިގެން ބޭސް ލިބޭގޮތް ހައްދަވަނީ


އަތޮޅުތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް، އެރަށެއްގައި ހުންނަ އެސްޓިއޯ ބޭސްފިހާރަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމުގެ މަސައްކަތް މޯލްޑިއަން ބްލަޑް ސަރވިސްއިން ފައްޓަވައިފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސުން ވިދާޅުވީ، މިގޮތަށް ހަމަޖައްސަވަން ސަރުކާރުން ނިންމެވީ، އަތޮޅުތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ކަމަށެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގެ ދަފްތަރުގައި ތެލެސީމިއާ ބަލީގައި ލޭއަޅާ 621 ކުދިން އެބަތިއްބެވެ.

ތެލެސީމިއާ ކުދިންގެ މައިގަނޑު ފަރުވާއަކީ ޤަވާޢިދުން ލޭއެޅުމާއި، ހަށިގަނޑުގައި ޖަމާވާ ދަނގަނޑުގެ ބައި ދަށްކުރުމަށްޓަކައި ބޭސް ބޭނުންކުރުމެވެ. ތެލެސީމިއާ ކުދިންނަށް ރާއްޖޭގައި ލިބިދެވޭ ފަރުވާއަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ތެލެސީމިއާ ބައްޔަށް ދޭ ފަރުވާއެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެކުދިންގެ ފަރުވާގެ ހުރިހާ ޚަރަދެއް ސަރުކާރުން ހަމަޖައްސަވައިދެނީ މުޅިން ހިލެއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ، ލޭއަޅާ 18 އަހަރުން މަތީގެ މީހަކަށް މަހެއްގެ މައްޗަށް ސަރުކާރުން 12،000 ރުފިޔާ ޚަރަދުކުރައްވާ ކަމަށެވެ.

އަތޮޅުތެރޭގައި ތިބި ތެލެސީމީއާ ކުދިންނަށް ބޭނުންވާ ބޭސް މިހާރު ލިބެން ހުންނަނީ މާލެއިން އެކަންޏެވެ. މޯލްޑިވިއަން ބްލަޑް ސަރވިސް ހިންގެވުމާ ޙަވާލުވެ ހުންނެވި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ، އަތޮޅުތެރޭގައި ތިބި ތެލެސީމިއާ ކުދިންނަށް މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ، އެކުދިން ދިރިއުޅޭ ރަށުން އެކުދިންނަށް ބޭނުންވާ ބޭސް ނުލިބުން ކަމަށެވެ. މާލޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނެކޭ އެއްގޮތަށް އަތޮޅު ތެރޭގައި ތިބި ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ހަރުދަނާ ގޮތަކަށް ހަމަޖައްސެވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ޑރ. ރަމީލާ ވިދާޅުވިއެވެ. އެހެންކަމުން އެސްޓިއޯގެ ބޭސް ފިހާރަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ސްޓޭޓް މިނިސްޓަރ ހާމަކުރެއްވިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސުން ވިދާޅުވީ، އަތޮޅުތެރޭގައި ހުރި 80 ސެންޓަރަކުން ލޭއެޅުމުގެ ޚިދުމަތް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި 5 ހޮސްޕިޓަލެއްގައި ލޭ ރައްކާކުރެވޭނެ ނިޒާމް ވަނީ ޤާއިމްކުރައްވާފައެވެ. މީގެ އިތުރަށް ތެލެސީމިއާއަށް ސްކްރީން ކުރުމަށް ބޭނުންވާ ވަޞީލަތްތައް ރާއްޖޭގެ 6 ސަރަޙައްދެއްގައި ވަނީ ޤާއިމްކުރައްވާފައެވެ.

ރާއްޖޭގައި ތެލެސީމިއާގެ ސަބަބުން ލޭއަޅަންޖެހޭ ކުދިންގެ ދަފްތަރުގައި 844 ކުދިން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 621 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި ގާތްގަނޑަކަށް މަހެއްގެ މައްޗަށް މިފަދަ 2 ކުދިންގެ ނިސްބަތުން ކުދިން އިތުރުވަމުންދާކަން މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.