ޚަބަރު

ކޮލަމްބޯ ޑިކްލެރޭޝަނަށް ދެކުނު އިރުމަތީ އޭޝިއާއިން އެއްބަސްވުން


ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކޮށް، އެބަލިތަކަށް ދެވޭ ފަރުވާ މިހާރަށްވުރެ ހަރުދަނާކުރުމާއި ބެހޭ ޤަރާރު "ކޮލަންބޯ ޑިކްލެރޭޝަނަށް" ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން އެއްބަސްވެއްޖެއެވެ.

މިޤަރާރަށް ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން އެއްބަސްވީ 69 ވަނަ ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމިޓީ ބައްދަލްވުމުގެ ތެރެއިންނެވެ. ނޮންކޮމިއުނިކަބަލް ޑިޒީޒަސް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތަކަކީ ދުނިޔޭގެ އާބާދީއަށް މިހާރު ކުރިމަތިވެފައިވާ ސިއްހީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިގޮތުން ދުނިޔޭގައި ކޮންމެ އަހަރަކު ގައިންގަޔަށް ނާރާ ބަލިތައް ޖެހިގެން 38 މިލިއަން މީހުން މަރުވާކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތުދެއެވެ. ގައިންގަޔަށް ނާރާ ބަލިތައް ޖެހިގެން ދެކުނު އިރުމަތީ އޭޝިއާއިން އެކަނިވެސް އަހަރެއްގެ މައްޗަށް 8.5 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމުއިއްޔާއިން މައުލޫމާތުދެއެވެ.

ގައިން ގަޔަށް ނާރާ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތުންނާ، ކެއިންބުއިމުގައި ސިއްހަތަށް ފައިދާނުކުރާ އާދަކާދަ ގެންގުޅުމުގެ ސަބަބުނާއި ސިގިރޭޓު ބުއިމާ، ކަސްރަތު ނުކުރުމާއި، ހެލިފެލިވެއުޅުން މަދުވުމުގެ ސަބަބުން މީހުންނަށް އާންމުކޮށް ޖެހޭ ބަލިތަކެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތައް، ކެންސަރު، ފުއްޕާމޭއާ ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް އަދި ހަކުރު ބަލި ހިމެނެއެވެ.

ޑަބްލިއުއެޗްއޯގެ 69 ވަނަ ދެކުނު އިރުމަތީ އޭޝިއާގެ ކޮމިޓީ ބައްދަލްވުމުގެ ތެރެއިން ވަނީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ. އެއީ މިސަރަޙައްދުގައި ގައިން ގަޔަށް ނަރާބަލިތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި މިކަން ކޮންޓްރޯލް ކުރުމަށް ހުރިހާ ޤައުމަކުން އެއްބަސްވެ، މިފަދަ ބަލިތަކަށް ދެވޭ ފަރުވާ މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ހުރިހާ ޤައުމަކުން އެކުގައި އަޒުމްކަޑައަޅާ ނިންމުމެވެ. މިނިންމުމަށް އެއްބަސްވެފައިވަނީ ރާއްޖެ، ޝްރީލަންކާ، އިންޑިއާ، ބަންގްލަދޭޝް، އިންޑޮނީޝިއާ، މިޔަންމާ، ނޭޕާލް، ޑީޕީއާރު ކޮރެއާ، ތައިލޭންޑް އަދި ޓިމޮރ ލެސްޓޭއިންނެވެ.

އިއްޔެގެ ރީޖަނަލް ކޮމިޓީ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިސަރަޙައްދަށް ޑަބްލިއުއެޗްއޯއިން ކަޑައަޅާފަ ހުންނަ ޑިރެކްޓަރ ޖެނެރަލް ޑރ. ޕޫނަމް ކޭތްރަޕާލް ވިދާޅުވީ އެންސީޑީޒްއަކީ މުޅިދުނިޔެއަށް ޚާއްސަކޮށް މިސަރަޙައްދަށް ކުރިމަތިވެފައިވާ ސިއްހީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިހާރު މިފަދަ ބަލިތައް އިތުރުވަމުންދާ މިންވަރު ބަލާފަ ކުރިޔަށް މިއޮތްތަނުގައި ގައިންގަޔަށް ނާރާބަލިތައް ވަރަށް ބޮޑުތައް އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިސަރަޙައްދުގެ ޤައުމުތަކުން މިފަދަ ބަލިތަކަށް އެންމެ ނާޒުކް ގްރޫޕްތަކަށް ހާޢްސަކޮށް މިހާރަށް ވުރެ ހަރުދަނާކޮށް ސިއްޙީ ފަރުވާއާއި މައުލޫމަތު ދޭންޖެހޭކަމަށް ޑރ. ކޭތްރަޕާލް ވިދާޅުވިއެވެ. 

މިބައްދަލްވުމުގައި ބައިވެރިވި މިސަރަޙައްދުގެ ޤައުމުތަކުގެ މެންބަރުން ވަނީ ގައިންގަޔަށް ނާރާބަލިތައް، ޚާއްސަކޮށް ހިތުގެ ބައްޔާ، ކެންސަރު އަދި ހަކުރު ބަލިފަދަ ބަލިތަކުގެ ސަބަބުން ޤައުމުތަކަށް އިޖުތިމާއި އަދި އިޤްތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ބުނެފައެވެ.

މި ޑެކްލަރޭޝަންގެ ދަށުން ޤައުމުތަކުންވަނީ ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީން ކުރުމާއި، މިފަދަ ބަލިތަކާއި ބެހޭ މަޢުލޫމާތު ފެތުރުމާއި، ކައުންސިލިން އަދި އަމިއްލައަށް ލިބިގަނެވޭނެ ފަރުވާގެ މަޢުލޫމާތު އާންމު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ހާޢްސަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ކުރާ މަސައްކަތައް ބޭނުންވާ ފައިސާ ހޯދާނެ އެކި ގޮތްގޮތުގެ މައްޗަށްވެސް މެންބަރު ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ. މިގޮތުން ސިނގިރޭޓު ފަދަ ތަކެތިން ނަގާ ޓެކްސް އިތުރުކުރުމާއި އެހެނިހެން ކަންތައްތަކަށް މިސަރަޙައްދުގެ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ސިއްޙަތާއި ބެހޭ ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔެއިން އަހަރެއްގެ މައްޗަށް ހިތުގެ ބަލިތަކުގައި 17.5 މިލިއަން މީހުން މަރުވާއިރު، ކެންސަރު ބަލި ޖެހިގެން 8.2 މިލިއަން މީހުން މަރުވެއެވެ. އަދި ފުއްޕާމޭގެ ބަލިތައް ޖެހިގެން 4 މިލިއަން މީހުން މަރުވާއިރު ހަކުރުބަލީގެ ޝިކާރައަކަށްވެ 1.5 މިލިއަން މީހުން މަރުވެއެވެ.