ޚަބަރު

އިންޓަރނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ކޮންފަރެންސެއް ރާއްޖޭގައި


ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގުޅިގެން ރާއްޖޭގައި އިންޓަރނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ކޮންފަރެންސެއް ބޭއްވުމަށް ނިންމަވައިފިއެވެ. 

އަންނަ އޮކްޓޫބަރު މަހުގެ ފަންސަވީހުން ސައްބީހަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ނިންމަވާފައިވާ އިންޓަރނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ކޮންފަރެންސާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާއަށް ބައްލަވާއިރު، ކައުންޓަރ ޓެރަރިޒަމް ނުވަތަ ޓެރަރިޒަމްގެ ޢަމަލުތަކަކީ ދުނިޔޭގައި އެއްފަރާތަކުން ނުވަތަ އެއް ޤައުމަކުން މަސައްކަތް ކޮށްގެން ހައްލު ހޯދޭވަރަށްވުރެ މާބޮޑަށް މަސްހުނިވެފައިއޮތް އަދި އެހެން ޤައުމުތަކާ ވަރަށް ބޮޑަށް ގުޅުންއޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން، ކައުންޓަރ ޓެރަރިޒަމްއަށް ރާއްޖެއިން މިހާ ބޮޑަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ޓެރަރިޒަމްގެ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުރިމަތިވެފައިވާ ގައުމުތަކާ، އެކަމުގެ ބިރުވެރިކަން އޮތް ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ޤާއިމް ކުރެއްވުން މިއީ މިފަދަ ކޮންފަރެންސެއް ބޭއްވެވުމުގެ އެންމެ ބޮޑު މަގްސަދު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ފާހަގަ ކުރެވޭ 17 ޤައުމަކަށް ދައުވަތު ދެއްވުމަށް ނިންމަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14608847622621.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު (ވ) ޒަކަރިއްޔާ މަންސޫރު (ކ) - ފޮޓޯ: ޕީއެސްއެމް ނިއުސް

ޓެރަރިޒަމާ ގުޅުންހުރި ކަންތައްތަކުގައި ރާއްޖެއިން ހަރުދަނާ ފިޔަވަޅުތައް ގެންދަވަނީ އަޅުއްވަމުންނެވެ. މިފަދަ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު ބައިނަލްއަގުއާމީ ގޮތުން ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ނަގުދު ފައިސާ ހިފައިގެން ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތު އެކަމާ ގުޅުންހުރި ޤައުމުތަކާ ހިއްސާ ކުރައްވާނެ ކަމަށާއި، އަދި ޓެރަރިޒަމަށް މަގުފަހި ކުރުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ވާގިވެރިވުމަށްޓަކައިވެސް ނަގުދު ފައިސާ ގިނަ އަދަދަކަށް އުފުލާނަމަ އެކަންވެސް ބައްލަވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސް ނިމިގެންދާއިރު، ދިވެހިންނަކީ ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ދީނީ ގޮތުން ބައިބައިވުން އުފެދޭވަރުގެ ޚިޔާލުތަފާތުވުންތައް ނެތް ބައެއްކަން ދުނިޔޭގެ ޤައުމުތަކަށް އަންގައިދޭން ބޭނުންވާކަމަށާއި، ރާއްޖެއަށް އިހާނެތިކޮށް ކަންކަން ކުރަން ބޭނުންވާ ފަރާތްތަކަށް އޮންނަ ފުރުސަތު ކުޑަކޮށް، ބޭރުދުނިޔޭގެ ޤައުމުތަކަށް ޢަމަލީ ގޮތުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގައި ޑިފެންސް މިނިސްތަރ ވިދާޅުވިއެވެ.

ރާއްޖޭގައި ދިމާވެދާނެ ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި މައްސަލަތައް ދެނެގަތުމާ ހައްދުފަހަނައަޅާ ދިޔުންފަދަ ކަންކަމާ ގުޅިގެން އަޅުގަނޑުމެންގެ ތެރޭގައި އޮތް ސުލްޙަ މަސަލަސްކަމާ، އެއްބައިވަންތަކާމާ، ހަމަޖެހުން ގެއްލިދާނެ އެއްވެސް ކަމެއް ވިޔަނުދިނުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

img:http://s2.psmnews.mv/images/660x400/14724702055453.jpg|ޑިފެންސް ކޮލެޖުގެ ވޯކްޝޮޕެއްގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ނޭޝަނަލް ކައުޓަރ ޓެރަރިޒަމް ސެންޓަރުން މިހާރު ތަފާތު ދެ ރިސަރޗެއް ހެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ރިސަރޗްގެ ނަތީޖާ ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ރާއްޖެއިން ކަނޑައަޅުއްވާފައިވާ ބައެއް ސިޔާސަތުގެ ތެރޭގައި، ރާއްޖެއަކީ ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިޔުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އިސްނެގުމާއެކު ހަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ހެދުމާއި، ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް އެކުލަވައިލައި، ޢަމަލުކުރަން ފެށުން ހިމެނެއެވެ. އަދި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ފަރާތުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ފިޔަވަޅުއެޅުންވެސް މި ސިޔާސަތުތަކުގެ ތެރޭގައި ހިމެނެއެވެ.