ޚަބަރު

ލައިސަންސް ޓެސްޓް ހެދުން ކާނިވާ ސަރަޙައްދަށް ބަދަލުކޮށްފި


މާލޭގައި އެއްގަމު އުޅަނދުފަހަރު ދުވުއްވުމުގެ ލައިސަންސް ޓެސްޓްހެދުން ވަގުތީގޮތުން ކާނިވާ ސަރަޙައްދަށް ބަދަލުކޮށް އެކަމަށްޓަކައި ކާނިވާތެރޭގައި ހަދާފައިވާ ޓްރެކް ހުޅުވައިފިއެވެ. މި ވަގުތީ ޓްރެކް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އިބްރާހީމްއެވެ.

މާލޭގައި އެއްގަމު އުޅަނދުފަހަރު ދުވުއްވުމުގެ ލައިސަންސް ޓެސްޓްހެދުން ވަގުތީގޮތުން ކާނިވާ ސަރަޙައްދަށް ބަދަލުކޮށް އެކަމަށްޓަކައި ކާނިވާތެރޭގައި ހަދާފައިވާ ޓްރެކް، ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މުޙައްމަދު އިބްރާހިމް ވިދާޅުވީ، ލައިސަންސިންގ އިމްތިޙާނު ކުރިއަށްގެންދަވަން ވަގުތީގޮތުން ހުޅުވިގެންމިދިޔަ ޓްރެކް ގާއިމްކުރެވިފައި މިވަނީ، މިފަދަ އިމްތިހާނެއް ހެދުމަށް މާލެއިން ލިބެންއޮތް އެންމެ ރަނގަޅު ސައިޒުގެ ބިމެއްގައިކަމަށެވެ. މާލޭގެ ޓްރެފިކްގެ ކަންކަން ހައްލުކުރެވުމަށް ހައުސިންގ މިނިސްޓްރީން ތަންތަން ހައްދަވަމުންގެންދަވާއިރު، މިއީ ޓްރާންސްޕޯޓް އޮތޯރިޓީން އެދިލެއްވި ސައިޒުގެ ބިމެއްކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14730860648185.jpg|ކާނިވާ ސަރަޙައްދުގައި ހުޅުވި ޓްރެކް

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ދުވަސްކޮޅަކަށް ލައިސަންސް ނެގުމުގެ ޓެސްޓްހެދުން ހުއްޓިފައި އޮތުމަށްފަހު މި ހުޅުވިގެންދާ ވަގުތީ ޓްރެކް ހައްދަވައި ދެއްވުމުގައި ހައުސިންގ މނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާއި، އެއްބާރުލުން ލިބިގެންދިޔަކަމަށެވެ. ނާފިޒް ވިދާޅުވީ، ވަގުތީ ތަނެއްގެ ގޮތުގައި ކާނިވަލުގައި ހުޅުވުނު ޓެރްކްގައި ބައެއްކަހަލަ ކަންކަން ފުރިހަމަ ނުކުރެވި ހުރުން އެކަށީގެންވާކަމަށާއި، މަސަކަތްކުރީ ލިބިފައިވާ ޖާގައިގައި އެންމެ އެކަށީގެންވާގޮތެއްގައި ޓެސްޓްހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށެވެ.

ކާނިވާ ސަރަހައްދަށް ލައިސަންސް ޓެސްޓްހެދުމުގެ ކަންކަން ވަގުތީގޮތުން ބަދަލުކުރެއްވީ ކުރިން ޓެސްޓް ހެދިސަރަހައްދު، އައި.ޖީ.އެމް.އެޗްގެ 25 ބުރީގެ އާއިމާރާތުގެ މަސަކަތް ކުރުމަށް އެސަރަހައްދުގައި ބަރުވެހިކަލްތައް ދުއްވުމާއި، ބައެއް މަގުތައް ބަންދުކުރުމާއި ގުޅިގެން އެއީ އެފަދަ އިމްތިހާނެއްހެދުމަށް ރައްކާތެރި ސަރަހައްދަކަށް ނުވާތީއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ވިސްނުންހުރީ، ލައިސަންސް ނެގުމުގެ އިމްތިހާން ހަދާ ރަނގަޅު ފެންވަރުގެ ޒަމާނީ، ދާއިމީ ޓްރެކެއް ހުޅުމާލޭގައި ހެއްދެވުމަށެވެ. ކާނިވާ ސަރަހައްދުގައި މާދަމާއިން ފެށިގެން ލައިސަންސް ނެގުމުގެ އިމްތިހާން ހެދުން ފެށޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތުދެއްވައެވެ.