ޚަބަރު

ދަމާސްގެ ވަން އެވެނިއު އެޕާޓްމެންޓް ކޮމްޕްލެކްސް އިފްތިތާޙްކޮށްފި


2 ޓަވަރުގައި 95 އެޕާރޓްމެންޓް ހިމެނޭ ގޮތަށް ދަމާސް ރިއަލް އެސްޓޭޓުން ހުޅުމާލޭގައި އަޅާ "ވަން އެވެނިއު" އެޕާޓްމެންޓް ކޮމްޕްލެކްސްގައި، އެއް ކޮޓަރީގެ 13 އެޕާޓްމެންޓާއި، 2 ކޮޓަރީގެ 26 އެޕާރޓްމެންޓާއި، 3 ކޮޓަރީގެ 52 އެޕާރޓްމެންޓާއި، 4 ޕެންޓް ހައުސް ހިމެނެއެވެ. މި އެޕާޓްމެންޓްގެ ހުޅަނގު ފަރާތުގެ ފުރަތަމަ ދެ ފްލޯރ ޚާއްސަ ކުރެވިފައިވަނީ ޝޮޕިންގ މޯލްއަށެވެ. އިރުމަތީ ފަރާތް ޚާއްސަކުރެވިފައި ވަނީ ޕާކިންއަށެވެ. އަދި ދެ ޓަވަރު މެދުގައި ހިތްފަސޭހަ ބަގީޗާއަކާއެކު ޕާރކެއް ހެދުމަށް ވަނީ ޕްލޭންކޮށްފައެވެ. ދަމާސް އިން ހާމަކުރާގޮތުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް މި އެޕާރޓްމެންޓްތަކުގެ މަސައްކަތް ނިންމާނެއެވެ. 

ވަން އެވެނިއު އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހުރިހާ ފަންތިއަކަށްވެސް ގެދޮރުވެރިކަން ބޭނުންވާކަމަށެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސަތަކީ، ހުރިހާ ފަރާތްތަކަށްވެސް އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެއްވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކޮޅަށް ޖެއްސެވުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިންގިލާބީ ބަދަލަކާއެކު ކުރިއަރަމުން އަންނަ މަންޒަރު ފެންނަ ކަމުގައެވެ. އަދި ޤައުމު އާރާސްތު ކުރުމުގައި އަމިއްލަ ފަރާތްތަކުންވެސް މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

img:http://s3.psmnews.mv/images/660x400/14730833227712.JPG|ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ވާހަކަފުޅުދައްކަވަނީ

ވަން އެވެނިއުއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދަމާސް ރިއަލް އެސްޓޭޓްގެ ޑިރެކްޓަރ ޒަޔާން އަބްދުﷲ ޞާލިހް ވިދާޅުވީ، އެންމެ ބޮޑު މަގްސަދަކީ، ރާއްޖޭގައި ގެދޮރު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު އަގެއްގައި ގެދޮރު ފޯރުކޮށްދެއްވުން ކަމުގައެވެ. އަދި "ވަން އެވެނިއު" ޑިޒައިން ކޮށްފައިވަނީ އެ ތަނުގައި ދިރިއުޅާ ފަރާތްތަކަށް ހިތްފަސޭހަވާނެ ގޮތަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުން ފެށިގެންވެސް ޕްރި ބުކިންގއަށް ފުރުސަތު ހުޅުވާލެވިފައިވާކަން ފާހަގަ ކުރައްވަމުން، ޒަޔާންވަނީ އެޕާރޓްމެންޓްތައް ދިނުމުގައި ބަލާނެ މިންގަޑުތަކުގެ ތަފްސީލް ދެއްވާފައެވެ.

img:http://s3.psmnews.mv/images/660x400/14730832849564.jpg|ވަން އެވެނިއު އެޕާރޓްމަންޓް ކޮމްޕްލެކްސް

ވަން އެވެނިއުގެ އެޕާރޓްމެންޓްތަކާބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކަށް "ވަން ޑޮޓްކޮމް ޑޮޓް އެމްވީން" އިން ހުރިހާ މައުލޫމާތެއް ލިބޭނެކަމަށް ދަމާސް ރިއަލް އެސްޓޭޓުން ހާމަކުރެއެވެ. ވަން އެވެނިއު އެޕާރޓްމެންޓް ކޮމްޕްލެކްސް އެޅުމަށް ކަނޑައަޅާފައިވަނީ، ހުޅުމާލެ ފެރީ ޓާރމިނަލާ އިންވެގެން އޮންނަ ފިތުރޯނު މަގުގައެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތެރޭގައި މިތަނުގެ އަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށް ދަމާސް ރިއަލް އެސްޓޭޓުން ހާމަކުރެއެވެ.