ޚަބަރު

އަބޫ ޢުބައިދާއާއި މުޙައްމަދު ސިންވާރު ޝަަހީދުވިކަން ޙަމާސުން ކަށަވަރުކޮށްދީފި


ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ އަސްކަރީ ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ބްރިގޭޑްސުން، ޙަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ ޢުބައިދާއާއި ޙަމާސްގެ އިސްވެރިޔާގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ސިންވާރު ޝަހީދުވެފައިވާ ކަން ކަށަވަރުކޮށްދީފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ޔަހޫދީން ވަނީ އޭރުގެ އަސްކަރީ ކޮމާންޑަރު މުޙައްމަދު ސިންވާރު ޝަހީދުކޮށްލާފައިވާ ކަމަށް ބުނެފައެވެ. އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ
ތެރޭގައި އަބޫ ޢުބައިދާ ޝަހީދުކޮށްލާފައިވާ ކަމަށް ވެސް ޔަހޫދީން ވަނީ ބުނެފައެވެ.

އޭގެ މަސްތަކެއް ފަހުން ޙަމާސުން ނެރުނު ވީޑިއޯ ބަޔާނެއްގައި ބުނީ ދެ ބޭފުޅުން ވެސް ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޙަމާސްގެ ޚަބަރުތައް ގާތުން ޙިއްޞާކުރައްވަމުން ގެންދެވި އަބޫ ޢުބައިދާގެ އަސްލު ވަނަވަރު އެ ވީޑިޔޯގައި ވަނީ ހާމަކޮށްފައެވެ. ތަރުޖަމާނުގެ މަޤާމު ފުރުއްވަމުން ދިޔައީ ހުޛައިފާ ސާމިރް އަބްދުاللهއެވެ. އޭނާގެ ބަދަލުގައި އައު ތަރުޖަމާނަކު މިހާރު ޢައްޔަނުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ އިޢުލާނުކޮށްފައެވެ.

އަބޫ ޢުބައިދާއާއި މުޙައްމަދު ސިންވާރުގެ އިތުރުން ޙަމާސްގެ އިތުރު އިސް ކޮމާންޑަރުންތަކެއް ޝަހީދުވެފައިވާ ކަން ވެސް ޙަމާސުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ގޮތުން ރަފަޙް ބްރިގޭޑުގެ އިސްވެރިޔާ މުޙައްމަދު ޝަބާނާއާއި އިތުރު އަސްކަރީ ވެރިން ކަމަށްވާ ހަކަމް އަލް-ޢިއްސާއާއި ރާއިދު ސާދު ޝަހީދުވެފައިވާ ކަމަށް ވެސް ޙަމާސުން ވަނީ ބުނެފައެވެ.

ޙަމާސުން ނެރުނު ބަޔާނުގައި އައު ތަރުޖަމާނު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ގިނަ ޙަމަލާތައް ދެމުންދިޔަނަމަވެސް އެ ޖަމާޢަތުން އެ އެއްބަސްވުމަށް ޢަމަލުކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ނަމަވެސް ޙަމާސުން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި، އެއްބަސްވުމާ ޚިލާފަށް ދޭ ޙަމަލާތަކަށް ރައްދު ދިނުމުގެ ހައްޤު އެ ޖަމާޢަތަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.