ހުޅުމާލޭ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޑިސެމްބަރު 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެންކަމަށެވެ. މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސްތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެއްކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގައި، ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
މީގެ އިތުރުން، މިދުވަސްވަރަކީ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށާއި، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.