ޚަބަރު

ޑަބްލިއުއެޗްއޯގެ 69ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުންތައް ފަށައިފި


ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯގެ ދެކުނު-އިރުމަތީ އޭޝިއާ ސަރަހައްދުގެ 69 ވަނަ ކޮމިޓީ ބައްދަލުވުން ޝްރީލަންކާގައި ފެށިއްޖެއެވެ.

މިބައްދަލްވުން ފެށުމުގެ ގޮތުން ޝްރީލަންކާގެ ނެލަމް ޕަކުނާ ތިއޭޓަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޝްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މިބައްދަލްވުމުގައި ރާއްޖެގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމާއި މިސަރަހައްދުގެ 10 ޤައުމެއްގެ ސިއްޙަތާބެހޭ މިނިސްޓަރުންނާއި އެހެނިހެން ޓެކްނިކަލް ސްޓާފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޑަބްލިއުއެޗްއޯގެ 69ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުން ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޝްރީލަންކާގެ ހެލްތް މިނިސްޓަރ ރަޖިތަ ސެނަރަތްނަ ވިދާޅުވީ ޝްރީލަންކާއިން ސިއްޙަތުގެ ދާއިރާގައި ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާކަމަށެވެ. މިގޮތުން ލިންފެޓިކް ފައިލޭރިއާ ފަދަ ގައިން ގަޔަށް އަރާ ބަލިތައް ނައްތާލުމުގައި ޝްރީލަންކާއިން ހޯދަމުންދާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ޝްރީލަންކާއިން ރަސްމީކޮށް މެލޭރިއާ ނައްތާލެވުނުކަން ރަސްމީކޮށް އިޢުލާންކުރައްވާފައެވެ. ޝްރީލަންކާއަކީ ރާއްޖޭގެ އިތުރުން މިސަރަހައްދުގައި މެލޭރިއާ ނައްތާލެވުނު ދެވަނަ ޤައުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރ ޕޫނަމް ކޭތްރަޕާލްވަނީ ޝްރީލަންކާއިން ޒަމާނުއްސުރެ ސިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރަން ކުރަމުންދާ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއަހަރުގެ ރީޖަނަލް ބައްދަލްވުމުގެ ޒަރީޢާއިން މިސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށްވާ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާއި ނައްތާލުމާއި ބެހޭ ޝްރީލަންކާ ޑެކްލެރޭޝަންގައި މެންބަރު 11 ޤައުމުން ސޮއިކުރާނެކަމަށް ކޭތްރަޕާލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް މާރގްރަޓް ޗަންވެސް ވާހަކަ ދެއްކެވިއެވެ. ޗަން ވިދާޅުވީ މިސަރަހައްދުގެ ޤައުމުތަކުން ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ބޮޑެތި މައްސަކަތްތަކެއްކޮށް ކުރިއެރުން ހޯދާފައިވާކަމަށެވެ. އަދި ޝްރީލަންކާއިން ގެންގުޅުއްވާ އުސޫލްތައް މިސާލަކަށް ބަލައިގެން ގިނަ ޤައުމުތަކަކަށް ބޮޑެތި ކުރި އެރުން ތަކެއް ލިބޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތައް ފަހު މިހާރު ވަނީ ރީޖަނަލް ކޮމިޓީގެ ޓެކްނިކަލް ބައްދަލްވުންތައް ރަސްމީކޮށް ފަށާފައެވެ. މި ބައްދަލުވުންތައް ކުރިއަށްދަނީ ގޯލް ފޭސް ހޮޓެލްގައެވެ. މިބައްދަލްވުންތައް ނިމުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ.