ޚަބަރު

"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން ބަދަލުކުރައްވައިފި


  • އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްގެ ނަމަށް ވަނީ ބަދަލުކުރައްވާފައި

  • ބަދަލު ގެނައީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ދެންނެވުމެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމުގެ ބޭނުމުގައެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.