ޚަބަރު

ބްރައިޓަން ބަލިކޮށް އާސެނަލް ކުރިއަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ އެއްވަނަ މަގާމް އަލުން ހޯދައިފި އެވެ.

މި މެޗަށް ނިކުތްއިރު ސިޓީ ވަނީ ފޮރެސްޓް ބަލިކޮށް ވަގުތީ ގޮތުން ނަމަވެސް ތާވަލުގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ނަމަވެސް މި މެޗުން މޮޅުވެ އާސެނަލް އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 18 މެޗުން ޖުމްލަ 42 ޕޮއިންޓު ލިބިފަ އެވެ. ބްރައިޓަން އަށް 18 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 12 ވަނައިގަ އެވެ.

ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ދިން ޕާހަކުން މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޮޑެގާޑް ޖެހި ފުރަތަމަ ލަނޑެވެ.

މި ލަނޑަށްފަހުވެސް އާސެނަލް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ޖުމްލަ 15 ފުރުސަތު ތަނަވަސްކޮށްފައިވާއިރު އޭގެ ތެރެއިން ގޯލަށް އަމާޒުކޮށް އުފެއްދި ފަސް ހަމަލާ ބްރައިޓަންގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އާސެނަލް އިން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 52 ވަނަ މިނިޓުގައި ޖިއޮޖީނިއޯ ރަޓަރ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑަކީ އާސެނަލް އަށް ލިބުނު ކޯނަރެއް ޑެކްލަން ރައިސް ނަގައިދިން ވަގުތު އެ ބޯޅަ ދިފާއު ކުރުމަށް އުޅުމުގެ ތެރޭގައި ރަޓަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބްރައިޓަން އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 64 ވަނަ މިނިޓުގައި ޑިއެގޯ ގޯމޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ސީޒަނުގެ ކުރީކޮޅު ބްރައިޓަން އިން ރަގަޅު ނަތީޖާތަކެއް ހޯދި ނަމަވެސް ފަހަކަށް އައިސް އެ ޓީމުގެ ފޯމު ވަނީ ގެއްލިފަ އެވެ.