ސޮމާލިޔާއިން ވަކިވެގަނެފައިވާ ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޔަހޫދީން ބަލައިގަނެފައި ވަނީ ޣައްޒާގެ ރައްޔިތުން އިތުރަށް ނިކަމެތިކޮށް ވަޒަނުން ބޭރުކުރުމުގެ ބޭނުމުގައި ކަމަށް ސޮމާލިޔާގެ ޚާރިޖީ ވަޒީރު، ޢަލީ އޮމަރް ތުހުމަތުކުރައްވައިފިއެވެ.
ސޮމާލިޔާގެ އުތުރުގައި އޮންނަ ސޮމާލީލޭންޑަކީ 1991ވަނަ އަހަރު ސޮމާލިޔާގެ މައި ސަރުކާރު ވެއްޓުމާއެކު ވަކިވެގަނެ، އަމިއްލަ ވެރިކަމެއް ކުރަމުންދާ ސަރަޙައްދެކެވެ. ނަމަވެސް ބައިނަލްއަޤްވާމީ ދުނިޔެެެއިން އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި މިހާތަނަށް ބަލައިގެންފައިވާ ހަމައެކަނި އދގެ މެންބަރަކީ ޔަހޫދީންނެވެ. ޔަހޫދީން ނިންމި ނިންމުން ސޮމާލިޔާއާއި ބައިނަލްއަޤްވާމީ ދުނިޔެެއިން ދަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.
ސޮމާލިޔާއިން ވަނީ ޔަހޫދީންގެ ނިންމުން ބަދަލު ކުރުމަށް ގޮވާލައިފައެވެ. އެއީ ސޮމާލިޔާގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ ޞުލްޙައާއި ހަމަޖެހުމަށް އަސަރުކުރާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އެ ނިންމުމުން ދައްކުވައިދެނީ ޔަހޫދީން އެ ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައިވާކަން ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ. އަދި ޚާރިޖީ، ސިޔާސީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޤައުމުގެ އިސްތިޤުލާލު ރައްކާތެރިކުރާނެ ކަމަށް އެ ޤައުމުން ބުނެއެވެ. އޭގެ އިތުރުން ޔަހޫދީން ސޮމާލީލޭންޑު ބަލައިގަތުމަކީ ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭުރުކުރުމަށް ޔަހޫދީން ގެންގުޅޭ ވިސްނުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.
ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންގެ ނިންމުން ކުށްވެރިކޮށް، ސޮމާލީލޭންޑަކީ ޣައްޒާގެ ރައްޔިތުން ފޮނުވައިލުމަށް ޔަހޫދީން ރާވަމުންދިޔަ ބިމެއް ކަމަށް ބުނެފައެވެ. ޣައްޒާގެ ރައްޔިތުން ސޮމާލީލޭންޑަށް ފޮނުވައިލުމަކީ ހުރަސްނުކުރެވޭނެ ރަތް ރޮނގެއްގެ ގޮތުގައި ސިފަކޮށް އެ ވުޒާރާއިން ވަނީ އެ ކަން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.