ޚަބަރު

ޑިސްއެބިލިޓީ އެވޯޑް 2016 މިމަހުގެ ފަހުކޮޅު ދެއްވަނީ


މިއަހަރުގެ ޑިސްއެބިލިޓީ އެވޯޑް މިމަހުގެ ފަހުކޮޅު ދެއްވާނެކަން ޖެންޑަރ މިނިސްޓަރ ހާމަކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިގޮތުގައި ޑިސްއެބިލިޓީ އެވޯޑް 2016 އަށް ކުރިމަތިލީ ފަރާތްތައް އިވެލުއޭޓްކުރެއްވުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ކައުންސިލްގެ ފަރާތުން ދެއްވަމުން އަންނަ ޑިސްއެބިލިޓީ އެވޯޑަށް ނަންހުށައެޅުމުގެ ފުރުޞަތު ހުޅުއްވާލެއްވީ މޭއި މަހުގެ އަށާރަވަނަދުވަހުއެވެ. އެވޯޑަށް ނަންހުށައެޅުމަށް ހުޅުއްވާލެއްވި ފުރުޞަތުގައި 41 ފަރާތަކުން އެވޯޑަށް ކުރިމަތިލާފައިވާކަމަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ވިދާޅުވެއެވެ.

ޖުމްލަ 9 ދާއިރާއަކުން އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މީގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޢާމާޒުކޮށް އެވޯޑް ކުރެވޭ ދެކެޓަގަރީއެއް އޮވެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކާއި، ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ އެވޯޑެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފާރަތްތަކަށް ޚާއްޞަ ކެޓެގަރީތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭ ފަރާތްތައް، ފަރުދީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި، ނުކުޅެދުންތެރިކަމުގެ ޙާލަތުތައް ރަނގަޅުކުރުމަށް ފަންނީ ގޮތުން މަސައްކަތްކުރާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ދެއްވާ އެވޯޑް ހިމެނެއެވެ. ފާއިތުވެދިޔަ ދެއަހަރާ ޚިލާފަށް މިފަހަރުގެ އެވޯޑްގައި ޚާއްޞަ ސިފަތަކެއް އެކުލެވިފައިވާކަން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ފާހަގަ ކުރެއްވިއެވެ.

"މިއަހަރު އެހެން އަހަރުތަކާ ދާދި އެއްވަރަކަށް މީހުން އެވޯޑަށް ކުރިމަތިލައްވާފައިވޭ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އެވޯޑްގައި އިތުރު ދެދާއިރާއެއް މިވަނީ ތަޢާރަފްކޮށްފައި. އެއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދޭ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރުފަތުރާ ވަޞީލަތްތަކުން ކޮށްދޭ ޚިދުމަތް ދޭ ފަރާތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އިތުރު ކުރެވުނު ދެކެޓެގަރީ. ހަމަ އެހެންމެ އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރު ޑިސްއެބިލިޓީ ކައުންސިލުން ނިންމަވާފައިވަނީ، ކޮންމެ ދާއިރާއަކަށް އެވޯޑާއެކު ފައިސާގެ އެހީއެއްދިނުމަށް. އެވޯޑް ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި އަރުވާ މިފައިސާ ބޭނުންކޮށްގެން 2017 ވަނަ އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ޚާއްޞަކޮށްގެން ޕްރޮގްރާމެއް ނުވަތަ މަޝްރޫޢެއް ހިންގަންވާނެ." މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރ ވިދާޅުވީ، އެވޯޑަށް ހުށަހެޅި ފަރާތްތައް ހޮވާނީ އެ މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން އެވޯޑަށް ޚާއްޞަކޮށް، މާކްސް ދިނުމަށް އެކުލަވާލާފައިވާ އުޞޫލާ އެއްގޮތްވާ ގޮތަށް ކަމަށާއި، އެވޯޑު ދޭނެ ފަރާތެއް ހޮވާނީ އެކަމަށް އެކުލަވައިލައްވާފައިވާ ޚާއްޞަ ކޮމެޓީއަކުން އެ ފަރާތްތަކާއި އިންޓަވިއުކޮށްގެން ކަމަށެވެ.

"ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލި ފަރާތްތަކުގެ ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް، ވިހާވެސް އިންސާފުވެރިގޮތެއްގައި ކުރިޔަށްގެންދެވުމަށް، ހަތް މެމްބަރުން ހިމެނޭ ކޮމިޓީއެއްވަނީ އެކުލަވާލައްވާފައި. ކޮމިޓީ އެކުލަވާލާފައިވަނީ، ޖެންޑަރ މިނިސްޓްރީއާއި، ޑިސްއެބިލިޓީ ކައުންސިލާއި، ހިއުމަން ރައިޓްސްކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އެޓާނީ ޖެނެރަލް އޮފީހާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތްކުރާ މަދަނީ ޖަމްއިއްޔާގެ ބައިވެރިވުން ހިމެނޭ ގޮތައް. މިކޮމިޓީން މިހާރުވަނީ، އެވޯޑަށް ކުރިމަތިލީމީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށްޓަވާފައި. މިހާރު ދެދާއިރާއެއްގެ ފޯމް އިވެލުއޭޓްކޮށް ވަނީ ނިމިފައި. އިރާދަ ކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑްގައި މަސައްކަތްކޮށް، މިމަހުގެ ތެރޭގައި އަނެއް 7 ދާއިރާގެ ފޯމްތައް އިވެލުއޭޓްކޮށް ނިންމާލެވޭނޭ. އަދި މިމަހުގެ ފަހުކޮޅުގައި އެވޯޑް ދިނުމަށް ޤަސްދުކޮށްފައިވަނީ. މިއަންނަ ހަފްތާ ތެރޭގައި އެވޯޑް ބާއްވާނޭ ދުވަހެއް މިނިސްޓްރީން އިޢްލާން ކުރާނަން" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު އެވޯޑު ލިބުނު ފަރާތްތަކަށް މި އަހަރު އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ދެއްވާފައިނުވާކަމަށެވެ. އެންމެ ފަހުން ޑިސްއެބިލިޓީ އެވޯޑު ދެއްވާފައިވަނީ 2014 ވަނަ އަހަރު އަހަރުއެވެ. އެ އަހަރު 15 ފަރާތަކަށް އެވޯޑް ދެއްވާފައިވެއެވެ.