ވިޔަފާރި

ދެކުނުގެ ތިން އަތޮޅަށް ހެޔޮ އަގުގައި މުދާ ގެންދެވޭނެ ގޮތް ހަދަނީ


އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ދެކުނުގެ ތިން އަތޮޅުގެ ވިޔަފާރިވެރިންނަށް މިހާރަށްވުރެ އަގު ހެޔޮކޮށް މުދާ ގެންދެވޭނެ ވަޞީލަތްތައް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެމް.ޕީ.އެލްއިން ބުނެފިއެވެ.

އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މިކަމާގުޅޭ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

އައްޑު ސިޓީއާއި ކުޅުދުއްފުށީގައި މިހާރު އޮތް ދެޕޯޓްވެސް ބޭނުންކުރެވެމުން ދަނީ އެންމެ އެކަށީގެންވާ ގޮތުގައި ނޫންކަމަށާއި އެހެންކަމުން މި ދެ ސަރައްޙައްދުގައިވާ ޕޯޓްތައް ބޭނުންކުރެވޭނެ އިތުރުގޮތްތައް ރާވަމުން އަންނަކަމަށް ޖުނައިދު ވިދާޅުވިއެވެ.

މިގޮތުން އައްޑޫ ސިޓީގެ ހިތަދޫ ޕޯޓްގައި ވެއަރހައުސްތަކެއް ހަދައި، މިހާރަށްވުރެ ކުޑަ އަގެއްގައި މާލެއިން އައްޑުއަށް މުދާ ގެންދެވޭނެ އިންތިޒާމު ފަހިކޮށްދޭނެކަމަށާއި މިކަމަށް ބޭނުންވާ  ލޭންޑިންގ ކްރާފްޓް ވަނީ ގަނެފައެވެ. އަދި ދެކުނުގެ 3 އަތޮޅުކަމުގައިވާ ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑު ސިޓީގެ  ވިޔަފާރިވެރިންނަށް މިހާރަށްވުރެ އަގުހެޔޮކޮށް މުދާ ގެންދެވޭނެ ވަޞީލަތްތައް ޤާއިމްކުރުމުގެ ޕްލޭންތަކެއް އެބަހުރިކަމަށާއި މިކަމާގުޅޭ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށްވެސް ޕޯޓްސް ލިމިޓެޑުން ވިދާޅުވިއެވެ. މިގޮތުން މިހާރު މިކަމަށް ބޭނުންވާ ކުރެހުންތައް ނިމިފައިވާކަމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވިއެވެ.