ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 66 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ، ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވާފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީ ވިޔަފާރިތައް ބަލާ ފާސްކޮށް އެތަންތަނަށް ފިޔަވަޅު އެޅުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާ އެ މަސައްކަތް ފެށީ، މިިދިޔަ މަހުގެ ތެރޭގައެވެ.
މި މަސައްކަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން އެކަމާއި ގުޅުން ހުރި 307 ޝަކުވާއެއް މިހާތަނަށް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް 153 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި، އެތަންތަނުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގާ 66 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. ބަންދުކުރި ތަންތަނަށް ބަލާއިރު އިޤްތިޞާދީ ވުޒާރާގެ ޤާނޫނުތަކާ ޚިލާފުވެގެން 46 ވިޔަފާރި ބަންދުކޮށްފައިވާ ކަމަށާއި، އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން 20 ވިޔަފާރިއެއް ބަންދުކުރި ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމާއެކު 22 ވިޔަފާރިއެއް އަލުން ހުޅުވަން ހުއްދަދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދެނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒްކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމުން. އެއްވެސް ޖޫރިމަނާއެއް ކުރެވިފައިވާނަ އެ ފައިސާ ދެއްކުމުން." އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް އަޙްމަދު ވިދާޅުވިއެވެ.
"ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" ޓާސްކް ފޯހުން ކުރިއަށްގެންދާ އިންސްޕެކްޝަންގައި ވިޔަފާރިތައް ބަންދުކުރަނީ ވިޔަފާރިތައް ރަޖިސްޓްރީނުކޮށް ހިންގުމާއި، ރަޖިސްޓަރކޮށްފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރިތައް ހިންގަމުންދާތީއެވެ. އަދި އެޗްޕީއޭއާއި އެމްއެފްޑީއޭއިން ތަންފީޒު ކުރަމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ޚިލާފުވުމުންވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް އަންނަނީ ބަންދު ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 30 އަށްވުރެ ގިނަ ދާއިރާއެއް ހިމަނާފައިވެއެވެ.
އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.