ބާސެލޯނާއިން ގަންނަން މަސައްކަތް ކުރަމުންދިޔަ ކެމަރޫނުގެ ފޯވަޑް އެޓާ އެޔޮންގެ އަގު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތާއެކު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
ސްޕޭނުގެ ލެވަންޓޭ އަށް ކުޅޭ އުމުރުން 22 އަހަރުގެ ފޯވަޑް ގަތުމަށް ބާސެލޯނާއިން މި އަހަރު ކުރީކޮޅު އެއްބަސްވުމަކަށް ވެސް އައެވެ. ނަމަވެސް އެ ކުލަބު މާލީ ހާލަތު ހުރި ގޮތުން މި ޑީލް ސްޕެނިޝް ލީގުގައި ރަޖިސްޓަރީ ނުކޮށްފާނެ ކަމުގެ ބިރު އޮތުމުން ފަހުން އެއްބަސްވީ އަންނަ ސީޒަނަށް ކުޅުންތެރިޔާ ގެނައުމަށެވެ. އެފްރިކާ ކަޕުގައި ގެބޯން އަތުން ކެމަރޫނު މޮޅުވި މެޗުގައި އޭނާ ގޯލް ޖަހާފައިވާއިރު މުބާރާތުގައި އޭނާ ދައްކާ ކުޅުން ވެސް ބާސެލޯނާއިން ދަނީ ވަރަށް ގާތުން ދިރާސާ ކުރަމުންނެވެ.
އެޔޮންގް އަކީ އެފްރިކާގެ ކުޅުންތެރިންގެ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެ އަގު އަރައިގެން ދިޔަ ކުޅުންތެރިއެކެވެ. ސަބަބަކީ ގިނަ ގޯލުތަކެއް ޖަހަމުން ދިއުމެވެ.
ބާސެލޯނާއިން އޭނާ ގަތުމަށް އެއްބަސްވުމަކަށް އައިއިރު ކުޅުންތެރިޔާގެ އަގު ހުރީ 15 މިލިއަން ޔޫރޯގަ އެވެ. ނަމަވެސް މި މުބާރާތާއެކު މި އަގު 30 މިލިއަނަށް އަރައިގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. މިހެންވެ އަގު ކުޑަކޮށް އޭނާ ގަތުމަށް ބާސެލޯނާއިން ދެކެމުން އައި ހުވެފެން ދެން ހަގީގަތަކަށް ހަދަން މިހާރު ދަތިވާނެ އެވެ. ނަމަވެސް ކުޅުންތެރިޔާގެ އެންމެ ބޮޑު އެއް އުއްމީދަކީ ބާސެލޯނާ އަށް ބަދަލުވުމެވެ. އޭނާ ވަނީ މިކަމަށްޓަކައި މި ސީޒަން ފެށުމުގެ ކުރިން ވެސް އެންމެ ފަހު ވަގުތާ ހަމައަށް ކުޅޭނެ ކުލަބެއް ނުނިންމައި މަޑުކޮށްފަ އެވެ. ވިޔަރެއާލް ދޫކޮށް އޭނާ ލެވަންޓޭ އަށް ސޮއި ކުރީ ބާސެލޯނާ އަށް އޭރު ނުދެވޭނެކަން ޔަގީންވުމުންނެވެ.
އެޔޮންގް ވަނީ މިހާތަނަށް ކެމަރޫނަށް ހަތަރު މެޗުން އެއް ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ މި ސީޒަނުގައި ލެވަންޓޭ އަށް 12 މެޗުން ފަސް ގޯލު ޖަހައިދީފަ އެވެ.